Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ފޭރުމުގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަގުމަތިން ފޭރޭ ފޭރުން ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތުގައި ރޭގެ ވަގުތެއްގައި ވަނީ ބިދޭސީ އެއްގެ އަތުން ފޯނެއް ފޭރެން މަސައްކަތްކުރި ދެ މީހަކު ޚުޝިޔާރުކަމާއެކު ހުއްޓުވާފައެވެ.

ރޭ 23:30 ހާއިރު ބިދޭސީއެއްގެ އަތުން ފޭރެން މަސައްކަތްކުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ދެ މީހުން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް އެމީހުން ފަހަތުން ފުލުހުން ގޮސްގެންނެވެ. ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން، އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިލްކުޝާ ގޯޅިތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ސައިކަލުގައި ފިލަން ދުއްވާފައި ދިއުމުގެ ތެރޭގައި ސައިކަލު އަރިއަޅާލައިގެން ވެއްޓި އެދެމީހުނަށް އެކިވަރުގެ އަނިޔާ ލިބުމާއެކު ފުލުހުން ވަނީ އެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙްޤީގު ކުރަމުންނެވެ.