Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

ސޯބިރު: ފަސް ބެލުމެއް ނެތި، ބާރަށް ކުރިއަށް

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ތެރެއިން މުހައްމަދު ސޯބިރުގެ ވާހަކަ ވެސް ވަރަށް ހާއްސަ އެވެ. އައްޑޫ ފޭދު އަށް ނިސްބަތްވާ މި ޒުވާނަކީ ބުރަކޮށް މަސައްކަތްކޮށްގެން އަދި ޝައުގުވެރިކަމާ އެކު ޓޫރިޒަމް ދާއިރާއިން އަބަދު ވެސް ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެން ހުރި މީހެކެވެ.

އޭނާގެ މި މަސައްކަތުގެ ފަހަތުގައި ބޮޑުބޭބެއެއް ކަމަށްވާ ހަސަން ހަލީލްގެ ހިއްސާ ވެސް ބޮޑެވެ.

ވަކިން ހާއްސަކޮށް ޓޫރިޒަމްގެ ތެރެއިން ވެސް އެފްއެންޑްބީއަކީ އޭނާ ވަރަށް ބޮޑު ލޯތްބެއް ޖެހުނީ ވެސް ހަލީލްގެ ފަރާތުން ކަމަށް ސޯބިރު ބުންޏެވެ.

އަަނަންތަރާ ކިހާވަށް ރިސޯޓްގެ އެފްއެންޑީބީ މެނޭޖަރުގެ މަގާމުގައި މިހާރު ހުރި ސޯބިރު ވަނީ މި އޭނާގެ ކެރިއަރުގެ މުހިއްމު ގިނަ ވާހަކަތައް ހޮޓެލިއާ މޯލްޑިވްސްއާ ވެސް ހިއްސާކޮށްފަ އެވެ. އޭނާގެ ޓޫރިޒަމް ދަތުރު ކުރުކޮށް ނަމަވެސް ތަޖުރިބާކޮށްލަން ހިނގާށެވެ.

ސޯބިރު ވަނީ އެފްއެންޑްބީ ދާއިރާ އިން ގައުމީ ޔުނިވަސިޓީން 2003 ގައި ޑިޕްލޮމާ ހާސިލްކޮށްފަ އެވެ. އެއަށް ފަހު ފީ ސީޒަން ކުޑަހުރާ ރިސޯޓުން މަސައްކަތް ފެށީ ވެއިޓަރެއްގެ މަގާމުންނެވެ. އެތަނުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައި، އޭނާ އަށް ވަނީ ފޯ ސީޒަންގެ ދަށުން ހިންގާ ބޭރުގެ ބައެއް ހޮޓާތަކުގައި ވެސް މަސައްކަތްކޮށްލަން ފުރުސަތު ލިބިފަ އެވެ.

އެގޮތުން ފީ ސީޒަން ޝަންހާއީ ފޯ ސީޒަން ހޮންކޮންގް ފޯ ސީޒަން ސިންގަޕޫރް އަދި ފޯ ސީޒަން ސައުދި އަރާބިޔާ ހިމެނެ އެވެ. ރާއްޖޭން ބޭރުގައި އޭނާ ވަނީ ހަތް އަހަރު މަސައްކަތްކޮށް، ތަޖުރިބާ ހޯދައިފަ އެވެ. އޭނާ މިއަދު ހުރި މެނޭޖަރުގެ މަގާމަކީ ހިތްވަރާއި ކެރުމާ އެކު ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެގޮތުން އޭނާ އެންމެ ބޭނުންވި އެފްއެންޑީބީގެ މަތީ މަގާމަކަށް އާދެވުމަކީ ހާސިލު ކުރަން ބޭނުންވި އެއް ލަނޑިދަނޑި އެވެ.

"ޓޫރިޒަމް ދާއިރާއަކީ އަބަދު ވެސް ވަރަށް ލޯބިވާ ދާއިރާއެއް. ވަކިން ހާއްސަކޮށް މި ދާއިރާގެ ތެރޭގައި މިއޮތް ލައިފްސްޓައިލް އަހްނަނަށް ވަަރަށް ކަމުދޭ،" ސޯބިރު ބުންޏެވެ. "އަދި ކޮންމެ ދުވަހަކު ވެސް މަސައްކަތުގެ ތެރެއިން އެތައް ބަޔަކާ ބައްދަލުވެވި، މުއާމަލާތް ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، އޭނާ ވަނީ އަމިއްލަ އަތޮޅުގައި ހިންގާ އެންމެ ބޮޑު ރިސޯޓް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި ވެސް މަސައްކަތްކޮށްފަ އެވެ. ބޭނުމަކަށްވީ އާއިލާ ކައިރީގައި ދިރިއުޅުމެވެ. އެ ރިސޯޓްގައި 2010 އިން ފެށިގެން ތިން އަހަރު ވަންދެން ސޯބިރު ވަނީ އެސިސްޓަންޓް ރެސްޓޯރަންޓް މެނޭޖަރެއްގެ މަގާމު ވެސް ފުރައިފަ އެވެ. އަދި ހަމަ އެ ދުވަސްވަރުން ޝަންގްރިއްލާ އިން ލިބުނު ޕްރޮމޯޝަނެއްގައި އޭނާ އެތަނުގެ އެފްއެންޑްބީ ޑިވިޝަނަލް ޓްރޭނިން މެނޭޖަރެއްގެ މަގާމަށް ވެސް ބަދަލުވި އެވެ.

އެކަމަކު ފަހުން އޭނާ ބަދަލުވީ މިހާރު ވަޒީފާ އަދާ ކުރަމުން އަންނަ އަނަންތަރާ ކިހާވަށް ރިސޯޓަށެވެ. އެ ރިސޯޓަކީ މައިނާ ހޮޓެލްސް އެންޑް ރިސޯޓްގެ ދަށުން ހިންގާ ތަނެކެވެ.

"މިތަނާ ދޭތެރޭ އެންމެ ހިތްހަމަޖެހޭ ސަބަބަކީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ތަނެއްގެ ގޮތުގައު ފެންނާތީ. މިތަނުގައި ކުރިއަށްދާ ދާން ވަރަށް ގިނަ ފުރުސަތުތަކެއް ވެސް އަބަދު ހުޅުވިފައި އޮވޭ،" ސޯބިރު ބުންޏެވެ. "މިހާތަނަށް އަހަރެން މަސައްކަތް ކުރިި ތަންތަނުގެ ތެރެއިން ކިހާވަށްއަކީ ދިވެހި މުވައްޒަފުންނަަށް ވަރަށް ބޮޑަށް އިސްކަންދޭ، ކުރިއަރުވަން މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ."

ސޯބިރު ބުނަނީ އަބަދު ވެސް ބޭނުން ވަނީ ކަންކަމާ ކުރިމަތިލައިގެން ކުރިއަށް ދާށެވެ. އޭނާގެ ނަޒަރުގައި ފަސް އެނބުރި ބެލުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. ދަތުރު ކުރަންވީ މުސްތަގުބަލާ ދިމާއަށެވެ. ހޯދަންވީ ކުރިއަށް ދެވޭނެ އިތުރު ފުރުސަތުތަކެވެ.