Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ބާތިލުން އުފަން ވާނީ ވެސް ބާތިލް: ސަވާދު

ބާތިލަކުން އުފަން ވާނީ ވެސް ބާތިލް ކަމަށާއި ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށް ގެންދާ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހިންގާ ޝަރީއަތަކީ ބާތިލް ޝަރީއަތެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި ސަވާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހިތުހުރި ގޮތަށް" ޝަރީއަތް ކުރަން ފަނޑިޔާރުންނަށް ގާނޫނުއަސާސީންނާއި ގާނޫނަކުން ވެސް އެއްވެސް އިޒުނައެއް ނުދޭ ކަމަށެވެ.

އަދި އެފަދަ ގޮތަކަށް ވިދާޅުވި ފަނޑިޔާރުގެ އެ ބަސްފުޅަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވަން އިއްވި ބަސްފުޅެއް ކަމަށާއި އެވަރު ބޮޑު ކުށެއްގެ މަތީ އިނދެ ކޮށް ޝަރީއަތެއްތޯ ހިންގެވޭނީއޭ ވިދާޅުވެ ސަވާދު ވަނީ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ އަދި ބާތިލަކުން އުފަން ވާނީ ބާތިލް ކަމަށާއި ބާތިލަށް ތަބައެއް ނުވެވޭނެ ކަމަށެވެ.

އެމްއެމްއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި ހުންނެވި މަޝްހޫރު ވިޔަފާވެރި މުހައްމަދު އަލީ ޖަނާހް (ޖަނާ) ގެ ކޮއްކޮ ސަވާދު ވިދާޅުވި ގޮތުގައި އާބިޓްރަރީކޮށް ކުރިއަށް ގެންދާ ޝަރީއަތަކުން ދައުވާ ލިބޭ އެއްވެސް ފަރާތަކަށް އިންސާފު ނުލިބޭނެ އެވެ.

އަދި އެފަދައިން އަމަލު ކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސަވާދު ވިދާޅުވި އެވެ.