Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސަޓާ އަށް 500 އަށް ވުރެ ގިނަ ނޮމިނޭޝަންސް

ހައި ރައިޒުން އިންތިޒާމްކޮށްގެން ދޭ ޓޫރިޒަމް ދާއިރާގެ ސަރަހައްދީ އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް މި އަހަރު 500 އަށް ވުރެ ގިނަ ފަރާތުން ނޮމިނޭޝަން ހުށައަޅައިފި އެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 އަށް ހުޅުވާލި އެ ފުރުސަތުގައި ހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބޫޓާންގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުން ނޮމިނޭޝަން ހުށަހަޅާފައިވެ އެވެ.

ނޮމިނޭޝަން ހުޅުވައިލީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށެވެ.

ނޮމިނޭޝަނަށް ހުށައެޅުމުގެ ފުރުސަތު ހަމަވުމާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް އޮންލައިން ވޯޓިންއަށް ފުރުސަތު ހުޅުވައިލާނެ ކަމަށް ހައި ރައިޒުން ބުންޏެވެ. އަދި ޖޫން އާއި ޖުލައި މަހުގައި ހާއްސަ ޕެނަލަކުން ސަޓާ އެވޯޑްގެ އިވެލުއޭޝަން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ ސަޓާ އެވޯޑްސް ހަފުލާ އޮންނާނީ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. އެކަމަކު އަދި ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. މިއީ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ.

މި އަހަރުގެ އެވޯޑްސް ބާއްވަނީ އިންޑިއާގެ މުމްބާއީގަ އެވެ.