Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ފޭދޫ ދަނޑު ޓާފް ދަނޑަކަށް ބަދަލު ކުރަނީ

ފޭދޫގައި ޓާފް ދަނޑެއް ހަދައި ދޭން މި ސަރުކާރުން ނިންމާފައިވާ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަން މިހާތަނަށް ކޮށް ދީފައި ނުވާތީ ފޭދޫ ޒުވާނުންތަކެއް އިސް ނަގައިގެން، އެ އަވަށުގެ ރަސްމީ ބޯޅަދަނޑު ދަނޑަަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާ އިރު، އެ ދަނޑާ ބެހޭ މައުލޫމާތު މިކަމުގައި އިސްކޮށް އުޅޭ ޒުވާނުން ވަނީ އައްޑޫގައި ތިބޭ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުންނާ ވެސް ހިއްސާކޮށްފަ އެވެ.

ޓާފް ދަނޑާ ބެހޭ ގޮތުން މިކަމުގައި އުޅޭ މީހަކު "އައްޑޫ ލައިވް" އަށް ބުނި ގޮތުގައި ދަނޑު ހަދަން ނިންމާފައި ވަނީ ރައްޔިތުން އަދި އަތުން ޗަންދާ ނަގައިގެންނެެވެ. އެހެންވެ ފޭދޫގެ ޒުވާނުންގެ ކުރިއެރުމަށް މި ކުރާ މަސައްކަތުގައި ފޭދޫގެ ވީހާ ވެސް ގިނަ ރައްޔިތުން އެހީތެރިކަން ފޯރުކޮށް ދޭން ވަނީ އެދިފަ އެވެ.

"ފޭދޫ މަޖިލިސް މެމްބަރުން އިބްރާހީމްދީދީ ކުރި ޓްވީޓެއްގައި ވެސް އެބަ އޮތް ބުނެފައި ޓާފް ދަނޑެއް ހަދައި ދޭން ސަރުކާރުން ނިންމި ވާހަކަ، އެކަމަކު އަދިއެކަމެއް ނުފެށޭ"

ފޭދޫ ރަސްމީ ބޯޅަދަނޑު ޓާފް ދަނޑަކަށް ބަދަލު ކުރަން ނިންމާފައިވާ އިރު، އެ ދަނޑުގައި އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ވަނީ ލައިޓް ޕޯސްޓް ވެސް ޖަހައިފަ އެވެ. އެހެންވެ އެތަނަކީ މިހާރު ރޭގަަނޑު ވެސް ބޭނުން ކުރެވޭ ތަނެކެވެ.

ސަރުކާރުން މީގެ ކުރިން އައްޑޫގައި ވަނީ ފުޓްސަލް ޓާފް ދަނޑުތަކެއް އަޅާފައެވެ. އެއީ އައްޑޫގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ހަދާދީފައިވާ ފުޓްސަލް ދަނޑުތަކެކެވެ.

އެފްއޭއެމްއިން ވަނީ ހިތަދޫގައި ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ޓާފް ފުޓްބޯޅަ ދަނޑެއް ހަދާފައެވެ. އައްޑޫގައި އެންމެ ފުރަތަމަ ފުޓްސަލް ދަނޑު އެޅީ ފޭދޫގަ އެވެ.