ކުޅިވަރު

ގޯދިއްޔާ ފުޓަސަލް ކަޕްގައި މި ފަހަރު 16 ޓީމް

ގޯދިއްޔާ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ހިތަދޫ އެފްސީ ބޭރުމަތި.

ކޮންމެ ރޯދަ މަހަކު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން ބާއްވާ ގޯދިއްޔާ ފުޓްސަލް ކަޕްގައި މި ފަހަރު ވާދަ ކުރަނީ 16 ޓީމް ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ގޯދިއްޔާގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ބުނީ މީހެ ކުރިން 20 ޓީމާ އެކު މުބާރާތް ބޭއްވި ނަމަވެސް، މި ފަހަރު ޗުއްޓީ އޮތް ގޮތުން މުބާރާތް ކުރުކޮށް ގެންދަން ޖެހޭތީ 16 ޓީމް ބައިވެރި ކުރާ ގޮތަށް ނިންމީ ކަމަށެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ރޯދަ މަހުގެ ރޭގަނޑު މެޗްތައް ކުޅޭ މުބާރާތް މި ފަހަރު ފަށާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ. ކޮންމެ ރެއަކު ދެ މެޗް ކުޅޭ މުބާރާތް ކުރިއަށް ދާނީ ފިތުރު ވިލޭރެއާ ހަމައަށެވެ.

"އަހަރެމެން މިހާރު މި އަންނަނީ މުބާރާތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން ދަނޑުގައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މިޓްސުބިޝީން ސްޕޮންސަކޮށްފައިވާ ގޯދިއްޔާ ފުޓްސަލް ކަޕްގެ މި އަހަރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 80،000ރ. އެވެ. ރަނައަޕް ޓީމަށް 30،000ރ. އެވެ.

މި އަހަރު ބާއްވާ މުބާރާތަކީ ގޯދިއްޔާ ފުޓްސަލް ކަޕްގެ 10 ވަނަ މުބާރާތެވެ.

މިދިޔަ އަހަރު ވީބީން ސްޕޮންސަ ކުރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހިތަދޫ އެފްސީ ބޭރުމަތި އެވެ.