Last Updated: April 25, 12:03
Thursday, April 25, 2024
މީހުން

އީމް: މިއީ އައްޑޫ ކުއްޖެއްކަން އެނގޭތަ؟

އޭނާގެ ލަވަތަކާއި ސަން ލޭންޑް ރިސޯޓް ޕްރޮމޯޓް ކުރަން ހަދާފައިވާ ވިޑިއާތައް ބަަލާލައިފި ނަމަ ދެވަނަ ފަހަރަށް ވެސް ބަލައިލާ ހިތްވާނެ އެވެ.

މި ދައްކަނީ އާންމުކޮށް އިނގިރޭސި ލަވަތައް ކިޔައި، "އޮބްސެޝަން" ގެ ނަމުގައި އަލްބަމެއް ވެސް ނެރެފައިވާ އެކަމަކު އާންމުންގެ ތެރޭގައި އެހާ މަޝްހޫރު ނަން ލަވަ ކިޔުންތެރިއެއްގެ ވާހަަކަ އެވެ. މިއީ އީމް ނިޒާމެވެ.

އޭނާގެ ލަވަތަކާއި ވީޑިއޯތައް ބަލައިލީމާ މިއީ ދިވެހި ކުއްޖެއް ބާއޭ ހިތަށް އަރައިފާނެ އެވެ. އެކަމަކު އެކަމާ ސުވާލު އުފައްދާނެ ކަމެއް ނެތެވެ. މިއީ ހަމަ ރާއްޖެ އަށް އުފަން ރާއްޖޭގެ ދަރިއެކެވެ.

އީމްއަކީ އައްޑޫ ފޭދު އަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާގެ މަންމަ އާއި ބައްޕައަކީ ވެސް ހަތަރުކަށިމަތި އައްޑޫ މީހުންނެވެ.

އީމްއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު އެއްމާބަޑު ދެ އަންހެން ކުދިންގެ ތެރެއިން އެކެކެވެ. އަނެއްކާ ކުއްޖާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ވިޔަފާވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް (ސަން ސިޔާމް) އާ އެވެ.

ސިޔާމްގެ ރިސޯޓްތަކުން އީމްގެ ލަވަތަކުންނާއި އެ ރިސޯޓްގެ އިޝްތިހާރުތަކުން އޭނާ ފެންނަނީ އެހެންވެ އެވެ.

އީމްއަކީ ހަމައެކަނި ލަވަ ކިޔުންތެރިއެއް ވެސް ނޫނެވެ. އޭނާއަކީ މޮޑެލް ވެސް ކުރާ ކުއްޖެކެވެ. އީމް ބުނި ގޮތުގައި އެ ފުރުސަތު ލިބުނީ މެލޭޝިއާގައި އުޅެނިކޮށް އެތަނުގެ ބައެއް ފަރާތުންނެވެ.

އީމް ބުނި ގޮތުގައި ލަވަ ކިޔައި، އެ ލަވަތަކުގެ ވީޑިއޯ ނެރުނަސް އޭނާއަކީ ޕްރޮފެޝަންއެއްގެ ގޮތުން ލަވަ ކިޔާ ކުއްޖެއް ނޫނެވެ. އެއީ ހޮބީއެއްގެ ގޮތުން ކުރާ ކަމެކެވެ.

އެކަމަކު ބުނެލަން އޮތް އެއްޗަކީ ލަވަތައް ކިޔާފައިވާ ގޮތް ރީތިވެފައި، އޭގެ ވީޑީއޯތައް ވެސް ވަަރަށް ފުރިހަމަ އޭ އެވެ. އާންމުކޮށް ރާއްޖޭގެ ފަންނާނުން ފެނިގެންދާ ވީޑިއޯ ލަވަތަކާއި އީމްގެ ލަވަތަކާ ހާސް ބައި ތަފާތުވެފައި ސަޅި އެވެ.