Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

"ޕާކިސްތާނުގެ ފަންނާނުންނަކީ ޓެރަރިސްޓުންނެއް ނޫން"

އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ޕާކިސްތާނުގެ ފަންނާނުން މަނާކުރުމާއި ބެހޭގޮތުން ދަ ހިންދޫ ކުރި ސުވާލަކަށް ޖަވާބު ދެމުން ސަލްމާން ޚާން ބުނީ ޓެރަރިޒަމްއާއި ފަންނަކީ ތަފާތު ދެ ކަމެއް ކަމަށެވެ.

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ބުނާ ގޮތުގައި ޕާކިސްތާނުގެ ފަންނާނުން ޓެރަރިސްޓުންގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި އަދި ފަންނާއި ޓެރަރިޒަމް އެއްކޮށްގެން ނުވާނެކަމަށެވެ.

އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ފަންނާނުން ބޮލީވުޑްގައި މަސައްކަތް ކުރުން މަނާ ކުރާ ޤަވާއިދެއް ފާސްކޮށްފައެވެ. އެއީ ދާދިފަހުން އިންޑިއާގެ އޫރީއަށް ދިން ހަމަލާއާއި ގުޅިގެންނެވެ.

"ޕާކިސްތާނުގެ ފަންނާނުންނަކީ ހަމައެކަނި ފަންނާނުން. ޓެރަރިސްޓުންނެއް ނޫން. ޓެރަރިޒަމްއާއި ފަންނަކީ ތަފާތު ދެ އެއްޗެއް"، ޕާކިސްތާނުގެ ފަންނާނުން މަނާ ކުރުމާ ބެހޭގޮތުން ސުވާލުކުރުމުން ސަލްމާން ބުންޏެވެ.

ސަލްމާން ބުނީ އިންޑިއާގެ ސިފައިން ޓެރަރިޒަމްއާއި ދެކޮޅަށް ނަގާ ފިޔަވަޅުތައް ރަނގަޅުކަމަށާއި، އެހެންނަމަވެސް އޭނާއަށް ރަނގަޅީ އަމާންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށެވެ.

"އެ މައްސަލައިގައި އެންމެ ރަނގަޅުވާނީ އަމާންކަން. އެކަމަކު މިހާރު އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅިއްޖެ. އެއީ ރަނގަޅު ފިޔަވަޅުތަކެއް ހަމަލާ ދިނީ ޓެރަރިސްޓުން ވީމަ. އެކަމަކުވެސް، މި ދުވަސްވަރާއި މި ޒަމާނުގައި، އަހަރެމެން އަމާންކަމާއި އޮމާންކަންމަތީ އުޅުނިއްޔާ އާއްމު ރައްޔިތުންނަށް ރަނގަޅުވާނެ ކަމަށް އަހަންނަށް ފެންނަނީ"، ސަލްމާންގެ ގަހަނާ ރޭންޖު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބުންޏެވެ.

ވަރަށް ފަހުން އިންޑިއާގެ ބެންގަލޫރާއި ގުރުގާއޮންގައި ބޭއްވުމަށް ރޭވިފައި އޮތް ޕާކިސްތާނުގެ ލަވަކިޔުންތެރިން ކަމަށްވާ ޝަފަގަތު އަމާނަތު އަލީއާއި އާތިފް އަސްލަމްގެ ކޮންސަޓުތައް ވަނީ ކެންސަލް ކުރެވިފައެވެ.