Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

ރަޝިއާ ހަނގުރާމައަކަށް ތައްޔާރު ވަނީތަ؟

ފޮޓޯ: ގޮސިޕްމިލް

ފޯބްސް މެގެޒިންއިން 2016 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ބާރުގަދަ މީހާގެ ލަޤަބު ދީފައިވާ ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ވަނީ ބޭރު ޤައުމްތަކުގައި ދިރިއުޅޭ ރަޝިއާގެ ހުރިހާ މީހުން އަނބުރާ ޤައުމަށް އައުމަށް އަމުރުކޮށްފައެވެ.

އޭނާ އެގޮތަށް އަމުރުކުރީ ރަޝިއާ އާއި ހުޅަނގުގެ ޤައުމުތަކާ މެދު ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން، އަވަސް މުސްތަޤުބަލެއްގައި ތިންވަނަ ބޮޑު ހަނގުރާމައަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތުމުން ކަމަށް ކްރެމްލިންއާއި ޑެއިލީ ސްޓާ ޔޫކޭއިން ރިޕޯޓްކުރެއެވެ.

ޕޫޓިން ރަޝިއާގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް ގޮވާލައިފައިވަނީ ދާދި ފަހުން 40 މިލިއަން ރައްޔިތުންނަށް ޑިފެންސް ޑްރިލްތައް ބޭއްވުމަށް ފަހުގައެވެ. ޕޫޓިން ވަނީ އޭނާ ސީރިއާއާއި ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމަށް ފްރާންސްގެ ރައީސް ތުހުމަތުކުރުމުން، އޭނާ ފްރާންސްއަށް ކުރަން އޮތް ދަތުރުވެސް ކެންސަލްކޮށްފައެވެ. މިހާރު އޭނާއަށް ހިވާގޮތުގައި އެމެރިކާއާއި އެމެރިކާގެ "ރަހުމަތްތެރި" ޤައުމްތަކުން އޭނާގެ ޤައުމާއި ޚިލާފަށް ނުކުމެދާނެތީ އޭނާ ބޭނުންވަނީ އެފަދަ ޙާލަތަކަށް ތައްޔާރަށް ހުންނާށެވެ.

މި އަމުރު ނެރުމުގެ ކުރިން ރަޝިއާއިން ވަނީ ނިއުކްލިއާ މިސައިލްތަކެއް ޕޮލޭންޑްއާއި ލިތުއޭނިއާއާއި ދެމެދު އޮންނަ ސަރަހައްދަކަށް އެތެރެކޮށްފައެވެ. "މިއީ ހުސް އެލީޓުން ބޮޑު ހަނގުރާމައަށް ތައްޔާރު ކުރުމަށްޓަކައި ކުރާ ކަންތައްތައް. އަދި މި މަހުގެ ކުރީކޮޅު ޕޫޓިންގެ މިނިސްޓަރުން ވަނީ މޮސްކޯގެ 14 މިލިއަން މީހުންނަށް ތިބެވޭ ވަރުގެ ބަންކާތައް އުފައްދާފައިވާ ކަމަށް އިއުލާންކޮށްފައި"، ރަޝިއާގެ ސިޔާސީ އެނެލިސްޓަކު ބުންޏެވެ.

ޑެއިލީ ސްޓާ ޔޫކޭއިން ރިޕޯޓްކުރާ ގޮތުގައި، ރަޝިއާގެ ސަރުކާރުގެ އޮފިޝަލުންގެ ކުދިންގެތެރެއިން، ބޭރު ޤައުމުތަކުގައި ކިޔަވަން ތިބި ކުދިން އަނބުރާ ޤައުމަށް އައުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންނޫނީ، މުސްތަޤުބަލުގައި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް ދަތިވާނެކަމަށެވެ. މި އަމުރު ނެރެފައިވަނީ ރަޝިއާގެ އެޑްމިނިސްޓްރޭޝަން ސްޓާފްއަށާއި، ސަރަހައްދީ އެޑްމިނިސްޓްރޭޓަރުންނަށާއި، ހުރިހާ ފެންވަރެއްގައި ޤާނޫނު ހަދާ ފަރާތްތަކަށާއި އަދި އާންމު މުއައްސަސާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަނީ މި ހަފްތާގެ ތެރޭގައި، ރަޝިއާއިން ސީރިއާގެ އެލެޕޯ ސިޓީއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކާއި ދެކޮޅަށް، މުޒާހަރާ ކުރާ ފަރާތްތައް ޔޫކޭގައި ހުންނަ ރަޝިއާގެ އެމްބަސީ ކުރީމަތީގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ.

ކޯލްޑް ވޯ (ފިނި ހަނގުރާމަ) އަށްފަހު އެމެރިކާއާއި ރަޝިއާގެ ގުޅުންތައް ވަނީ ވަރަށް ބަލިކަށިވެފައެވެ. އަދި ރަޝިއާއިން ސީރިއާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތައް މެދުކަނޑާލުމަށްވި އެއްބަސްވުމާއި ޚިލާފުވުމާއި ގުޅިގެން، އެމެރިކާއިން ރަޝިއާއަށް ފާޑުކިޔުން ވެގެންދިޔައީ އެ ގުޅުން އިތުރަށް ހީނަރުވެގެން ދިޔަ ކަމަކަށެވެ. ރަޝިއާގެ އަލްޓްރާ ނެޝަލިސްޓް ލަޑީމިއާ ޒިރިނޯސްކީ ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ އީމެއިލްތައް ހެކްކުރުމުގެ ތުހުމަތު އެމެރިކާއިން ރަޝިއާގެ މައްޗަށް ކުރުމުން، އެމެރިކާއާއި ރަޝިއާއާއި ދެމެދު ނިއުކްލިއާ ހަނގުރާމައެއް ހިނގުން ހުއްޓުވޭނީ ހަމައެކަނި އެމެރިކާގެ މިހާރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓް ޑޯނަލްޑް ޓްރަމްޕްއަށް ކަމަށްވެސް ބުނެފައެވެ.