Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ހިއްސާތައް މައްޗަށް

ފޮޓޯ: ނެޓްފްލިކްސް

ނެޓްފްލިކްސްއިން ލަފާކުރި މިންވަރަށްވުރެ އިތުރަށް ސަބްސްކްރައިބްކުރާ މީހުންގެ އަދަދު އިތުރުވުމުން އެ ކުންފުނިން ވިޔަފާރި ފުޅާވާނެކަމާއިމެދު ކަންބޮޑުވި ކަންބޮޑުވުން ނައްތާލައިފިއެވެ.

މިދިޔަ ތިން މަސް ދުވަސް ތެރޭގައި ވީޑީއޯ އޮންލައިންކޮށް ސްޓްރީމްކުރާ އެ ކުންފުނިން ވަނީ 3.2 މިލިއަން ބައިނަލްއަޤްވާމީ ޔޫޒާސް އިތުރުކޮށްފައެވެ. އެއީ ކުންފުނީގެ އެނެލިސްޓުން ލަފާކުރި ވަރަށްވުރެ 2 މިލިއަން އިތުރު އަދަދެކެވެ.

'ސްޓްރޭންޖާ ތިންގްސް' އާއި 'ނާކޯސް' ފަދަ ސީރީސްއަށް ލިބޭ ސަޕޯޓް އިތުރުވުމުގެ ސަބަބުން އެމެރިކާގައި އެ އަދަދު ވަނީ 21 އިންސައްތަ (370،000) އިތުރުވެފައެވެ.

އޭގެ ސަބަބުން ކުންފުންޏަށް ވަނީ 3.1 އިންސައްތަ (2.29 ބިލިއަން ޑޮލަރު) އާމްދަނީގެ ކުރިއެރުމެއް ލިބިފައެވެ. ހަމައެއާއިއެކު ނެޓްފްލިކްސްގެ ހިއްސާތައްވެސް ވަނީ 20 އިންސައްތަ އިތުރުވެފައެވެ.

ސެޕްޓެމްބަރު މަސް ނިމުނު ހިސާބަށް ތިން މަސް ވިއިރު، ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު އޮތީ 83.3 މިލިއަންގައެވެ.

އެ ކުންފުނިން ހޯމަ ދުވަހު ބުނެފައިވަނީ، ޗައިނާގައި އަމިއްލައަށް މަސައްކަތް ހިންގުމުގެ ބަދަލުގައި ޗައިނާގައި މިހާރުވެސް އޮންލައިންކޮށް ޚިދުމަތްދޭ ފަރާތްތަކަށް ނެޓްފްލިކްސްގެ ޕްރޮގްރާމްތަކުގެ ލައިސަންސް ދޫކުރަން ރާވާ ކަމަށެވެ.

އެމެރިކާގައި ނެޓްފްލިކްސްގެ ކުރިއެރުން ލަސްވަމުންދާތީވެ، އެ ކުންފުނިން ވަނީ ބައިނަލްއަޤްވާމީ ބާޒާރަށް މަޑުމަޑުން ވިޔަފާރި ފުޅާކުރަން ފަށާފައެވެ. ޗައިނާ ފިޔަވައި ދުނިޔޭގެ 130 ބާޒާރެއްގައި އެ ކުންފުނީގެ ނަން ވަރަށް މަޝްހޫރެވެ.

ނެޓްފްލިކްސްގެ ކުރިއެރުން މަޑުޖެހިފައިވާ ކަމުގެ ބިރު ހީވުމުން މުޅި ކުންފުނި އޮތީ ސިހިފައެވެ. މިއަހަރު ތެރޭގައި އެ ކުންފުނީގެ ހިއްސާތައް ވަނީ 13 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އެހެންނަމަވެސް މިހާރު އެ ހިއްސާތައް ވަނީ 20 އިންސައްތަ (119 ޑޮލަރު) އަށް މައްޗަށް ގޮސްފައެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ކުރިއަށް އޮތް ތާނގައި ނެޓްފްލިކްސްގެ ކުރިއެރުން ލަސްވާކަމުގެ ބިރު މިހާރު ކެނޑިފައިވާ ކަމަށެވެ.