Last Updated: April 18, 18:36
Thursday, April 18, 2024
ވިޔަފާރި

އުރީދޫން މަސްވެރިންނަށް ސެޓެލައިޓް ކަނެކްޓިވިޓީގެ ހިދުމަތް

ޔޫއޭއީގެ މޮބައިލް ސެޓަލައިޓް ސާވިސް ފޯރުކޮށްދޭ އޮޕަރޭޓަރު ތުރާޔާ ޓެލެކޮމް އާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ މަސްވެރިންނަށް މޮބައިލް ސެޓަލައިޓް ހިދުމަތްތައް ފޯރުކޮށް ދޭން ފަށައިފި އެވެ.

މި ހިދުމަތް ދޭން އުރީދޫން ވަނީ ތުރާޔާއާ އެކު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

އެގޮތުން އަހަރުން ފެށިގެން، ރާއްޖޭގެ ކޮންމެ މަސް ދޯންޏެއްގައި ވެސް ސެޓަލައިޓްގެ ޚިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ގާއިމުކުރަން ޖެހެއެވެ. އެއީ އާންމު ހާލަތުގައި އަދި ނުރައްކާތެރި ހާލަތްތަކުގައި، ކަނޑުމަތީގައި އުޅޭ މަސްވެރިންނަށް މުވާސަލާތީ ޚިދުމަތްތަކުގެ ބޭނުން ކުރެވޭ ގޮތެއް ހަމަޖެއްސުމަށެވެ.

އުރީދޫން ބުނީ، ތުރާޔާއާ އެކު އެކުލަވާލި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްވެރިންނަށް ޚާއްސަކޮށްގެން، ތުރާޔާގެ ސެޓަލައިޓު ނެޓްވޯކް މެދުވެރިކޮށް ވޮއިސް ޕްރޮޑަކްޓްސް އާއި ބްރޯޑުބޭންޑު ކަނެކްޓިވިޓީ ފޯރުކޮށް ދެވޭނެ ކަމަށެވެ.

އެގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުންނާއި އުރީދޫގެ އެންޓަޕްރައިޒް ޓީމު މެދުވެރިކޮށް، ތުރާޔާގެ ސެޓްސްލީވް+ އާއި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

image01
މި ދެ ޑިވައިސްއަކީ ސްމާޓްފޯނުތައް، ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްދޭ އެޑަޕްޓަރުތަކެކެވެ.

ނެޓްވޯކް ލިބުން އުނދަގޫ ހިސާބުތަކުގައި ވޮއިސް ކޯލާއި، އެސްއެމްއެސް އާއި އީމެއިލްގެ އިތުރުން މޯބައިލް އެޕްތައް، މި ޑިވައިސް ބޭނުންކޮށްގެން ސެޓަލައިޓް ނެޓްވޯކު މެދުވެރިކޮށް ބޭނުން ކުރެވޭނެ އެވެ.

އުރީދު އާއި ތުރާޔާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދެވަނަ ފިޔަވަހި މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.

އެ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 105 އަށް ވުރެ ގިނަ ރިސޯޓުތަކަށް ތުރާޔާގެ މޮބައިލް ސެޓަލައިޓް ސާވިސް ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.