Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޕީޕީއެމް މައްސަލައަށް މައުމޫން ތަދައްހުލްވެވަޑައިގެންފި

ޕީޕީއެމް ހިންގުން މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އަމިއްލަ މީހަކު ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން އެމައްސަލައިގެ ތެރެއަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަދައްޚުލްވެވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލައިގެ ތެރެއަށް ރައީސް މައުމޫން ތަދައްޚުލް ވެވަޑައިގެންނެވުމަށް މިއަދު ހައިކޯޓަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ފެކްޝަނުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރައްވަމުން ދަނިކޮށް މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) އާއި ގާތް ގުޅުމެއް އޮންނަ ހުޅުދޫ ފެންފިޔާޒް ވިލާ، އައްބާސް ވާފިރުއެވެ.

މި މައްސަލާގައި މައުމޫން ފެކްޝަންގެ ފަރާތުން ކޯޓަށް ހާޒިރުވާނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒުއެވެ.

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރުމުާއި ގުޅިގެން އަންނަ ލޯކަލް ކައުންުސިލް އިންތިހާބްގެ ކެމްޕެއިންގެ މަސައްކަތް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ފަށާފައެވެ.