Last Updated: April 24, 12:56
Wednesday, April 24, 2024
ސިޔާސީ

ޔާމީންގެ ކައުންސިލް އައިރު ގާނޫނީ: މައުމޫން

ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށް މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަނީ -- ވީފައިލް ފޮޓޯ

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގެ ދަށުން ބާއްވާ ޕީޕީއެމް ކައުންސިލް ބައްދަލުވުން ތަކަކީ ސައްހަ ނޫން ޢައިރު ގާނޫނީ ބައްދަލުވުން ތަކެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ނިންމައިފި އެވެ.

މިއަދު މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ މުސްތަޝާރުގެ ރިޔާސަތުގެ ދަށުން ނިންމާ ނިންމުންތަކަކީ ސައްހަ ނޫން ނިންމުންތަކެއް ކަމަށް ކަނޑައަޅާފައެވެ. އަދި ޕާޓީގެ ސުލޫކީ ކޮމެޓީ ވަގުތީ ގޮތުން ސަސްޕެންޑްކޮށް ވަގުތީ ގޮތުން ސުލޫކީ ކަންކަން ބެއްލެވުމަށް 5 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އުފެއްދުމުގެ އިހްތިޔާރު ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ޕާޓީގެ އިންތިހާބީ ކޮމެޓީން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ކައުންސިލުން ވަނީ ތާއިދުކޮށްފައެވެ. އިންތިހާބީ ކޮމެޓީގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކޮށްފައިވަނީ ގ. ކުޑަފަރުގެ ޝަމްސިއްޔާ އުމަރު އާއި ލ. ކަލައިދޫ ކޯޒީ ހައުސް އަލީ ޔޫސުފްއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިމިވަނީ ރައީސް މައުމޫން ފެކްޝަނުގެ ނައިބް ރައީސް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އާއި މައުމޫން ފެކްޝަންގެ ސްޕޯކްސްޕާސަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މައްސަލައެއް ރައީސް ޔާމީންގެ ފެކްޝަނުން ސްލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނިކޮށެވެ.

ޝުޖާއު އާއި ވައްޑޭގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވަނީ ޕާލިމެންޓްރީ ގްރޫޕުން ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ގުޅޭ ގޮތުން ނެރުނު ތްރީލައިން ވިޕާއި ހިލާފް ވުމާއި ގުޅިގެންނެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް އަދިވެސް ޕާޓީ ހިންގަމުން ގެންދަވަނީ ދެ ފެކްޝަނެއްގެ ގޮތުގައެވެ.