Last Updated: April 25, 18:52
Thursday, April 25, 2024
ސިޔާސީ

ޕާޓީ ހަވާލުކޮށް ދޭން ރައީސް ޔާމީނަށް ސިޓީއެއް

ޕީޕީއެމް ހިންގުން ޕާޓީގެ ރައީސް އާ ހަވާލުކޮށް ދެއްވުމަށް އެދި ރައީސް މައުމޫން ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންއަށް ސިޓީއަކުން ދަންނަވައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު އާއި ވަނީ ހަވާލުކޮށްފައެވެ. އޭގެ ފަހުން އިލެކްޝަން ކޮމިޝަނާއި، ކޯޓު އަދި އިއްތިހާދުގައި ހިމެނޭ އެމްޑީއޭއިންވެސް ގަބޫލް ކުރަނީ ރައީސް ޔާމީންގެ ފެކްޝަނެވެ. މިއިން އެއްވެސް ފަރާތަކުން ޕީޕީއެމްގެ މައުމޫން ފެކްޝަން ބަަލައި ނުގަނެއެވެ.

2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ގައުމީ މަޖިލީހުން ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކޮށްފައިވާ އިރު ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުންވެސް ޕާޓީ ހިންގުމުގެ ހުރިހާ ޒިއްމާއެއް އޮންނަނީ ޕާޓީގެ ރައީސްއަށެވެ. ޕާޓީގެ މުސްތަޝާރަކީ ރަމްޒީ މަގާމަކަށްވެފައި ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް މުސްތަޝާރަށް ލިބިގެން ނުވެއެވެ.

މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ މުސްތަޝާރަށް ޕާޓީ ހިންގުމުގެ އެއްވެސް ޒިއްމާއެއް ދީފައި ނުވާ އިރު، މުސްތަޝާރު ޕާޓީ ހިންގަންވެއްޖެ ނަމަ އޭގެ ސަބަބުން ޕާޓީ ބައިބައިވެ، ޕާޓީ ރޫޅިގެން ހިނގައިދާނެ ކަމަށެވެ. އަދި ޕީޕީއެމް އަކީ ޕާޓީގެ އަސްލު މަގުސަދުތައް ހާސިލުކުރުމަށް ސާބިތުކަމާއެކު މަސައްކަތްކުރާ އެއްބައިވަންތަ، ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، މި ސިޓީއަށް ރައީސް ޔާމީން އިޖާބާދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން މިފަދަ ސިޓީއެއް ރައީސް ޔާމީންއަށް ފޮނުއްވި އިރު ޔާމީން ފެކްޝަނުން ޕާޓީގެ ނައިބް ލީޑަރަކަށް ޓޫރިޒަމް މިނިސްޓަރ ޒަމީރު އައްޔަން ކުރައްވައި ޕާޓީގެ ސްޕޯކްސްޕާސަން އަކަށް ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ.