Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

އީދިގަލި ކިޅީގެ ހިތްގައިމު މާހައުލަށް ގެއްލުން ނުދެމާ!

އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: މުޙައްމަދު ޝާފީ

ހިތަދޫ އުތުރުފަރާތުގައި އޮންނަ އީދިގަލިކިޅި އަކީ އެތަނުގެ ގުދުރަތީ ރީތިކަމާއި ހުރެ އެތައް ބަޔަކަށް ހިތް އުފާކޮށްދޭތަނެކެވެ. އެތަނުގެ ގުދުރަތީ ރީތިކަން ދެކިލުމަށް ކޮންމެ ދުވަހު އެތައް ބަޔަކު ދަނީ އެހެންވެއެވެ.

އީދިގަލިކިޅި ވަށައިގެންވާ ސަރަހައްދު ސަރުކާރުން ހިމާޔަތްކޮށް އެތަނުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ޔޫއެންޑީޕީ އާއި އޮސްއެއިޑް ގުޅިގެންވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ކޮންމެ ދުވަހަކު އަހަރެމެން ގޮސް އެތަނުގައިހަދާފައިވާ ބްރިޖް މަތިން ދަތުރުކޮށް، އެތަނުގައި ފޮޓޯ ނަގައި، އެފޯޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަނީ ހަމަ "ނަލަނަލައައްޑޫ" ވީމައެވެ. އެ ފޮޓޯތަކަށް ހާހުސް "ލައިކް"ލިބި، ތައުރީފްގެ ބަސްތައް އޮހެނީ ހަމަ ހިތްގައިމު ކަމުންނެވެ.

އީދިގަލިކިޅީގެ ހިތްގައިމު މަންޒަރުތައް ބަލާލާފައި އެތައް ބަޔަކު މީ ރާއްޖެހޭ ސުވާލުކުރެއެވެ. އެފަދަ މީހުންނަށް މިތަނުގެ ރީތިކަން ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ހަގީގަތަކީ އީދިގަލި ކިޅިއަކީ ރާއްޖޭގެ އެހެން ސަރަހައްދުގައިވާ ކުޅި ތަކާއި ތަފާތު ގުދުރަތީ މުއްސަދި ކުޅިއެކެވެ. ކޮންމެ އަހަރަކު އެތައް ދޫންޏެއް އީދިގަލި ކިޅިއަށް ހިޖްރަ ކުރެއެވެ. ރާއްޖޭގެ މާހައުލުން އާއްމުކޮށް ނުފެންނަ ބައެއް ބާވަތްތަކުގެ ދޫނި މިތަނުން ދޭތެރެ ދޭތެރެއިން ފެނެއެވެ.

kilhi

އީދިގަލިކިޅި ތަރައްޤީކޮށް އިކޯ ޓޫރިޒަމަށް ފައްކާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މި ކަމަކީ އަހަރެމެން އައްޑޫ ރައްޔިތުންނަށް ނުހަނު މަންފާ ހުރިކަމެވެ. އޭގެ ފައިދާ މުޅި އައްޑޫއަށް ނުހަނު ބޮޑެވެ.

pelican

މިފަދަ ރީތި ތަނެއް އަހަރެމެން އައްޑޫ ރައްޔިތުންނަށް ލިބި، މިތަން ތަރައްޤީ ކުރަމުން އަންނަ އިރު ވަރަށް ހިތާމަވެރި މަންޒަރެއް މިހާރު މިދަނީ ފެންނަމުންނެވެ. މިތަނުގެ ރީތިކަން ދެކިލުމަށް އަންނަ ފަރާތްތަކަށް ނޭގިގެން ނަމަވެސް ބައެއް ފަހަރު ތަނަށް މިދަނީ ގެއްލުން ދެވެމުންނެވެ. ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު އަޅައި ތަން ހަޑި ކުރެވެނީއެވެ.

14054109_290923004609849_1403097224335577790_n

ސްޕާރީ ކޮޅު ކާލާފައި ނުވަތަ އަތުގައި އޮންނަ ދަޅު ބޯލުމަށްފަހު ހޫރާލެވެނީ، އީދިގަލި ކިޅިތެރެއަށެވެ. އަނެއް ބަޔަކު ތަނުގައި ހަދާފައިވާ ބްރިޖްގެ ލަކުޑިތައް ހަލާކު ކުރަނީއެވެ. ބައެއް ފަހަރު ގަސްދުގައެވެ. އަނެއްބައި ފަހަރު މަޖަލަކަށް ކުރެވޭ ކަމަކުން ތަނަށް ބޮޑު ގެއްލުމެއް ދަނީ ލިބެމުންނެވެ.

އީދިގަލިކިޅި ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެތަން ބަލަހައްޓަން ބަޔަކު ތިބި ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް ފަރާތްތަކުން ތަނަށް ކުނި އަޅަލަނީ އެއްވެސް ވިސްނުމެއް ނެތިއެވެ.

ގުދުރަތީ މިފަދަ ރީތިތަނެއް އަހަރެމެންނަށް ހިމާޔަތް ކުރެވެނީ ހުރިހާ ފަރުދުންގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެންވެ. ހިތަދޫ އީދިގަލި ކިޅިއަކީ ހިތަދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންގެ މިލްކެކެވެ. ތަން ހަލާކުވެ ނެތިގެން ދިއުމުން ގެއްލުން އޮތީ އަހަރެމެންނަށެވެ. އަހަރެމެންގެ ދަރީންނަށެވެ.

14520571_307022322999917_2464637697149807767_n
ވީއިރު ހަފްތާ ބަންދާއި އެހެނިހެން ޗުއްޓީ ތަކުގައި ހިތް އުފާ ހޯދާލަންދާ އީދިގަލި ކިޅި ރީތިކޮށް ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހެއެވެ. ތަނަށް ގެއްލުން ދޭ ފަރާތްތަކަށް ނަސޭހަތްދީ މިކަންކަން ތަކްރާރު ނުކުރުމަށް އެފަރާތުގައި ބުނަން އެބަޖެހެއެވެ.

"ނަލަނަލައައްޑޫ" އަކަށް އައްޑޫ ހެދުމަށް އެންމެން އެކުގައި އަޒުމް ކަނޑައަޅަމާ ހިނގާށެވެ.