Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އެކިވަރުގެ އަނިޔާވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ނައީމީ ސްޓޯރު ކައިރިން ހިނގި މިއެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ. ދެކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި ހިނގި މިއެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ އުމުރުން ދުވަސް ވީ މީހަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ އެތަނުން އެއް ސައިކަލު ގޯޅި އަޅަން އުޅެނިކޮށް ދުއްވާފައި ދިޔަ އަނެއް ސައިކަލުން ޖެހުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާއިރު އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި އުމުރުން ދުވަސްވީ މީހާ ހުރީ ހެލްމެޓް އަޅައިގެން ކަމަށް މަންޒަރު ދުށް ފަރާތެއް "އައްޑޫލައިވް" އަށް މައުލޫމާތު ދީފައިވެއެވެ.

"އެމީހާ ހުރީ ހެލްމެޓު ވެސް އަޅައިގެން. ޖެހުނު ގޮތަށް ސައިކަލުން ވެއްޓިފަ އޮތީ. ޖެހުނު ގޮތަށް އެމީހާއަށް ތެދުވެސް ނުވެވުނު" މަންޒަރު ދުށް ފަރާތަކު ކިޔައިދިނެވެ.

އެކްސިޑެންޓުގައި ދެވަނަ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން އަނިޔާވެފައިވަނީ އެކަކަށެވެ. އޭނާގެ ފައި ސައިކަލުގެ ޕެޑަލު ދަށުވެ ޒަޚަމް ވެފައިވާއިރު އޭނާއަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

މިމައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ދުއްވާއިރު ގަވާއިދާއި އެއްގޮތަށް ދުއްވުމަށާއި ކަނޑައެޅިފައި އޮންނަ ސްޕީޑު ލިމިޓާއި ޚިލާފުނުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.