Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

އެންމެ އަގުބޮޑު އަލުވި ޗިޕްސް، އަގަކީ 56 ޑޮލަރު!

ފޮޓޯ: ސެންޓާބެންޓާ

ސްވިޑެންގެ ބިއަރު އުފައްދާ ކުންފުންޏެއް ކަމަށްވާ ސެއިންޓް އެރިކްއިން ދުނިޔޭގެ އެންމެ އަގުބޮޑު އަލުވި ޗިޕްސް އުފައްދައިފިއެވެ. އެއީ އެމީހުންގެ ކޮލިޓީ ބިއަރާއިއެކު ކެއުމަށް ޚާއްސަ އެއްޗެއް އުފެއްދުމުގެ ގޮތުންނެވެ.

ސެއިންޓް އެރިކްއިން ދެކޭގޮތުގައި އެތަނުން އުފައްދާ ބިއަރާއި އެކު ކެއުމަށްޓަކައި ލޭސްއާއި ޕްރިންގްލްސް ބްރޭންޑްގެ ޗިޕްސް އެހާ ބޮޑަށް ކަމުނުދެއެވެ. އެހެންކަމުން އެކުންފުނީގެ އަމިއްލަ ޗިޕްސް އުފައްދަން ނިންމައި އޭގެ އަގުވެސް ޗިޕްސްގެ ފެންވަރާއި އެއްވަރަށް ކަނޑައެޅިއެވެ. "ސެއިންޓް އެރިކްއަކީ ސްވިޑެންގެ އެންމެ ބޮޑު އެއް މައިކްރޯބްރިއުވެރީ. އަޅުގަނޑުމެންގެ ބިއަރު އުފެއްދުމަށް ބޭނުންވާ ހުނަރާއިމެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން. އަދި ހަމައެއާއިއެކު އެ ބިއަރާއިއެކު ކާން އެއް ފެންވަރެއްގެ ހިކި ކާނާއެއް މަދުކަމަށް އަޅުގަނޑުމެންނަށް އިހުސާސްކުރެވުނު"، އެ ބްރޭންޑްގެ މެނޭޖަރު ވިދާޅުވިއެވެ.

"ފަސްޓް ކްލާސް ބިއަރަށް ފަސްޓް ކްލާސް ހިކި ކާއެއްޗެއްވެސް ބޭނުންވާނެ. އެހެންވެ ދުނިޔޭގެ އެންމެ ޚާއްސަ އަލުވި ޗިޕްސް އުފައްދަން އަޅުގަނޑުމެން ވަރަށް ބޮޑު މަސައްކަތެއް ކުރިން. އަދި އެހާ ރަނގަޅު ނަތީޖާއެއް ނެރެވޭތީ އެކަމާއިމެދު ވަރަށް ފަޚުރުވެރިވަން"، އޭނާ އިތުރަށް ވިދާޅުވިއެވެ.

ސެއިންޓް އެރިކްއިން އުފައްދާ ޗިޕްސް ހުންނަނީ ކަޅުކުލައިގެ ފޮށްޓެއްގައެވެ. އަދި ކޮންމެ ފޮށްޓެއްގައި ވާނީ އެންމެ ފަސް ޗިޕްސް އެތިކޮޅެވެ. އެއީ ވަކި ޚާއްސަ ފަސް ނޯޑިކް ބާވަތެއް ބޭނުންކޮށްގެން ޝެފް އަމިއްލަ އަތުން ހަދާފައި ހުންނާނެ ޗިޕްސްއެވެ. އެ ޚާއްސަ ފަސް އިންގްރިޑިއެންޓްއަކީ އުތުރު ސްވިޑެންގެ ޖަންގަލިތަކުން ހޮވައިގެން ގެންނަ މަސުޓާކޭ މަޝްރޫމްއާއި، ފެރޯ އައިލެންޑްސްގެ ވަށައިގެންވާ ފެންގަނޑުތަކުން ނަގާފައިވާ ޓްރަފަލް ސީވީޑްއާއި، ޖާ ޕެނިންސޫލާއިން ނަގާފައިވާ ކްރައުން ޑިލްއާއި، ސްވިޑެންގެ ކުޑަ ރަށެއް ކަމުގައިވާ ލެކްސޭންޑްއާއި އިންޑިއާ ޕޭލްއޭލްގައި ހައްދާ ލެކްސޭންޑް އޮނިއަންއެވެ. ލެކްސޭންޑް އޮނިއަންއަކީ ސެއިންޓް އެރިކްގެ ޕޭލްއޭލް ބިއަރު އުފެއްދުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.

ސެއިންޓް އެރިކްގެ ޗިޕްސް ހެދުމަށް ބޭނުންކުރާ އަލުވިވެސް ހަމަ އެހާ ޚާއްސައެވެ. އެ އަލުވިތައް ހައްދަނީ ވަރަށް ލިމިޓް ކުރެވިފައިވާ އަދަދަކަށް އެލްމަންޑް އަލުވި ހައްދާ އަމާނާސްގައެވެ. އަމާނާސްއަކީ ވަރަށް އުސް ބިމެކެވެ. ޒަމާނީ ދަނޑުވެރިކަންކުރާ ވަސީލަތްތަކަށް އެބިން އޮންނަ ގޮތުގެ ސަބަބުން އެހިސާބަށް ދާން ވަރަށް އުނދަގޫއެވެ. އޭގެ މާނައަކީ ހުރިހާ އަލުވިތަކެއް އިންދާ ހައްދަނީ އަތުންކަމެވެ.

"ހުރިހާ ޗިޕްސްއެއްވެސް ހަދާފައި ހުންނަނީ އަތުން ކަމަށާއި ހުރިހާ އިންގްރިޑިއެންޓްގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭކަމަށް ޝެފް ޕައި ލެ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޗިޕްސްގައި ހުންނަނީ ސްކެންޑިނޭވިއަން ރަހައެކެވެ. ހުރިހާ އެންމެންނަށްވެސް ފިޔާއާއި އަލުވީގެ ރަހަ ދެނެގަންނަން އެނގޭ ކަމަށާއި، އެހެންނަމަވެސް އެ ޗިޕްސްގެ ޚާއްސަ ކަމަކީ އޭގެ ކޮލިޓީ ކަމަށާއި، ޗިޕްސް ހެދުމަށް ބޭނުންކުރާ ހުރިހާ ބާވަތްތަކަކީވެސް ގިނަ މީހުން ކުރިން ރަހަބަލާފައިނުވާ ފެންވަރުގެ އެއްޗެހި ކަމަށްވެސް ޝެފް ވިދާޅުވިއެވެ. އަދި މިއީ ބިއަރާއި އެކު ކެއުމަށާއި އެއްވެސް އެއްޗަކާއި ނުލައި ހުހަށް ކާންވެސް ވަރަށް ރަނގަޅު ޗިޕްސްއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެއިންޓް އެރިކްގެ އަލުވި ޗިޕްސްގެ ލިމިޓް ކުރެވިފައިވާ 100 ޗިޕްސް މިދިޔަ ހަފްތާގައި ބާޒާރަށް ނެރެވުނެވެ. އަދި އޭގެ އަގަކީ ކޮންމެ ފޮށްޓަކަށް 56 ޑޮލަރު (863.5 ރުފިޔާ) ކަމުގައި ވީނަމަވެސް ގާތްގަނޑަކަށް ހަމަ ވަގުތުން އެ ހުރިހާ ޗިޕްސްއެއްވެސް ވިކި ހުސްވިއެވެ. ނަމަވެސް، އެ ޗިޕްސްގެ ދެވަނަ ބެޗު ކައިރި މުސްތަޤުބަލެއްގައި ބާޒާރަށް ނެރޭނެކަމުގެ އެއްވެސް ޚަބަރެއް ލިބިފައިނުވެއެވެ. އެކަމަކު ފުރަތަ ބެޗަށް ލިބުނު ތަރުޙީބަށް ބަލާއިރު، ދެވަނަ ބެޗެއްވެސް ނެރުމަކީ ވުން ވަރަށް އެކަށީގެންވާ ކަމެކެވެ.