Last Updated: April 25, 17:37
Thursday, April 25, 2024
ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މާލޭގައި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ މާލޭގައި ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ދާނީ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގަ އެވެ. މި ބުރުގެ މެޗުތައް ފަށާނީ މި މަހު 28ގަ އެވެ. ކުޑަހުވަދޫގައި ކުރިއަށްދާނީ ގްރޫޕް އޭގެ މެޗުތަކެވެ. ކުޑަހުވަދޫގެ އިތުރުން މި ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ، ގއ. ދެއްވަދޫ އަދި އދ. މަހިބަދޫ އެވެ.

ތިމަރަފުށީގައި ކުރިއަށްދާ ގްރޫޕް ބީގައި އެ ރަށުގެ އިތުރުން ހިމެނެނީ ބ. އޭދަފުއްޓާއި ނ.ލަންދޫގެ އިތުރުން ހދ. ހަނިމާދޫ އެވެ.

ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ.

އެ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު އޮތީ ހިތަދު އާއި ހދ. ކުޅުދުއްފުށީގަ އެވެ. ފައިނަލް މެޗު ކުޅުނީ އައްޑޫ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަަނަކީ ފޭދޫ ޓީމެވެ.