Last Updated: April 24, 17:43
Wednesday, April 24, 2024
ސިޔާސީ

ސޯބެ އާއި ފަހުމީ ޕްރައިމަރީ އަށް ދާން ޖެހިއްޖެ

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހްމީ ވާދަ ކުރަން ޖެހިއްޖެއެ ވެ.

ސޯބެ ޕްރައިމަރީގައި ވާދަ ކުރަން ޖެހުނީ އުތުރު ދާއިރާ އަށް ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ހިތަދޫ ސެވެން ސްޓާ އިބްރާހިމް ޠޯހިރު ކުރިމަތިލުމާ ގުޅިގެންނެވެ.

ފޭދޫ ދާއި ރާއަށް ފަހުމީގެ އިތުރުން ކުރިމަތިލާފައި ވަނީ ފޭދޫ ބްލޫބާޑް، އިބްރާހިމް ޖުނެއިދެވެ.

އައްޑޫ ސިޓީ ކައުންސިލްގައި މި ފަހަރު ހަތް ގޮޑި ހުންނަ އިރު ދެން ޕްރައިމަރީއެއް ބާއްވަން ޖެހެނީ މަރަދޫ ދާއިރާގައެވެ. މަރަދޫ ދާއިރާއަށް 3 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.

އެއީ މަރަދޫ ދިލްކަޝްގޭ އިބްރާހިމް ފައިސަލް އާއި މަރަދޫ މީނާޒު ހަސަން ނާސިރުގެ އިތުރުން މަރަދޫ ސްޓޯބެރީގެ ހަސަން ލަބީގެވެ.

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވަނީ ހިތަދޫ މެދު ދާއިރާއިން ޖަމްޝީދާ މުޙައްމަދު، މިރިހިމާގެ، ހިތަދޫ އާއި ހިތަދޫ ދެކުނު ދާއިރާއިން މިހާރުވެސް އެދާއިރާ ތަމްސީލް ކުރައްވާ ހިތަދޫ، ހެވި މުހައްމަދު ޔަސްރިފްގެ އިތުރުން ހުޅުދޫ ދާއިރާއިން ހުޅުދޫ ގުލްހަޒާރުގެ، އިބްރާހިމް ޝުކުރީއެވެ. މީދޫ ދާއިރާގެ ޓިކެޓް ލިބިފައިވަނީ މީދޫ އެދުރުގެ ހުސެއިން ހިޔާޒްއަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1،200އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ޝަރުޠު ހަމަވާ ފޯމްތައް ބަލައިގަނެ، ދާއިރާތަކުގެ ވޯޓާސް ލިސްޓް އާއި އެކު ކެންޑިޑޭޓުންގެ ލިސްޓްވެސް އެމްޑީޕީން ވަނީ އާއްމުކޮށްފައެވެ.