Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑްރީމް ވޯލްޑްގެ ރައިޑަަކަށް އެރި ބަޔަކު މަރުވެއްޖެ

ފޮޓޯ: އީޕީއޭ

އޮސްޓްރޭލިއާގެ ތީމް ޕާކްއެއް ތެރޭގައި ހަތަރު މީހުން މަރުވެއްޖެ ކަމަށް އޮސްޓްރޭލިއާގެ ފުލުހުންނާއި ޕާކްގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ކުއީންސްލޭންޑްގެ ގޯލްޑް ކޯސްޓްގައި ހުންނަ ޑްރީމްވޯލްޑްގެ "ތަންޑާ ރިވާ ރެޕިޑްސް" ރައިޑްއަށް އެރި ދެ ފިރިހެނުންނާއި ދެ އަންހެނުން މަރުވެފައިވާ ކަމަށް ޕާކްގެ ތަރުޖަމާނު ބުންޏެވެ.

އެ ޕާކްވަނީ ތަހުގީގު ހިންގުމަށްޓަކައި މިހާރު ބަންދުކުރެވިފައި ކަމަށް ތަރުޖަމާނު ބުންޏެވެ.

ޑްރީމްވޯލްޑްއަކީ 50 އަށްވުރެ ގިނަ ރައިޑްއާއިއެކު އޮސްޓްރޭލިއާގެ އެންމެ ބޮޑު ތީމް ޕާކްއެވެ.

"ތަންޑާ ރިވާ ރެޕިޑްސް" އަކީ އަސްލުނޫން ކޯރެއްގައި ވަރަށް އަވަސް ސްޕީޑްގައި ވަށްބުރު އަޅާ ރައިޑްއެކެވެ.

ކުއީންސްލޭންޑްގެ އެމްބިއުލާންސްގެ ތަރުޖަމާނު ގެވިން ފުލާ ބުނީ އެ ރައިޑްއަށް ދިމާވި މައްސަލައެއްގެ ސަބަބުން ދެމީހުން ރައިޑްއިން ބޭރަށް އެއްލާލައި އަނެއް ދެމީހުން އޭގެތެރޭގައި ތާށިވިކަމަށެވެ.

މަރުވި މީހުންނަކީ ކޮންބައެއްކަން އަދި އެނގިފައިނުވި ނަމަވެސް، ރިޕޯޓްތަކުން ބުނާގޮތުގައި އެމީހުންގެ އުމުރަކީ ގާތްގަނޑަކަށް 30 އަހަރާއި 40 އަހަރާއި ދެމެދުއެވެ.

ހާދިސާ ލޮލުން ފެނުނު ލީސާ ކޭޕްސް އޮސްޓްރޭލިއާގެ ޓީވީ ޗެނަލްއެއް ކަމަށްވާ އޭބީސީއަށް މަޢުލޫމާތު ދިން ގޮތުގައި މީހުން ރޮމުން އެތަނާއި ދުރަށް ދުވާ މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ.

"އަހަރެން އޭގެތެރެއިން އެއް ފިރިހެނަކާ ވާހަކަދެއްކިން. އޭނާ ބުނީ އޭނާގެ ކުރިމަތީގައި ހުރި ބޯޓްކަހަލަ އެތި މުޅިން އަނެއް ފަރާތަށް ބަންޑުންޖެހީކަމަށް އަދި އެންމެން ހަޅޭއްލަވަން ފެށިކަމަށް"، ލީސާ ބުންޏެވެ.

އެ ތީމް ޕާކްއިން ބުނާގޮތުގައި ޕާކްއިން ދަނީ ހާދިސާ ހިނގިގޮތް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އަދި އިމާޖެންސީ ކަމާއިބެހޭ ފަރާތްތަކާއި ފުލުހުންނާއިއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުން ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންވޭޔާ ބެލްޓްއެއްގެ ސަބަބުން އެތައް މީހުންނަކަށް އަނިޔާވުމުގެ ސަބަބުން، ހާދިސާހިނގި ތަނަށް އައުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އާޑެންޓް ތީމް ޕާކްސްގެ ބޮޑުމީހާ ކްރެއިގް ޑޭވިޑްސަން ބުނީ ހާދިސާގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑު ޝޮކަކާއި ހިތާމައެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އިންސްޕެކްޓަރު ޓޮޑް ރީޑް ބުނީ ހާދިސާ ހިނގި ތަން ބަންދުކުރެވިފައިވާ ކަމަށާއި އެޕާކުން ދަނީ ފުލުހުންނާއިއެކު މަސައްކަތް ކުރަމުން ކަމަށެވެ.

އޭނާ ބުނީ އެ ރައިޑްއަށް މީގެ ކުރިން އެއްވެސް މައްސަލައެއް ދިމާވެފައިވާކަން އެނގިފައިނުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލް ވިދާޅުވީ އެހާދިސާގެ ޚަބަރު އަޑުއެއްސެވީ ވަރަށް ހިތާމައާއިއެކު ކަމަށެވެ.

"ތީމް ޕާކްތަކަކީ އާއިލީ މަޖަލާއި އުފަލުގެ ތަނެއް. ހިތާމަވެރި ހާދިސާތަކުގެ ތަނެއް ނޫން"، އޭނާ ވިދާޅުވިއެވެ.

ޑްރީމްވޯލްޑްގެ "ތަންޑާ ރިވާސް ރެޕިޑްސް" ރައިޑް ހުޅުވުނީ 1986 ވަނަ އަހަރުއެވެ. އާއިލީ ރައިޑްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެ ރައިޑްއަށް އެރުމަށް ހުއްދަ ދެވޭނީ އުމުރުން ދެ އަހަރުން މަތީގެ ކުދިންނަށާއި މީހުންނަށެވެ. އެ ރައިޑްގެ ކޮންމެ ކާރެއްގައި ހަމީހުންގެ ޖާގަ ހުންނައިރު، ކާރުތައް ދުއްވަނީ ގަޑިއަކު 28 މޭލުގެ ބާރުމިނުގައެވެ. އެއީ ގަޑިއަކު 45 ކިލޯމީޓަރެވެ.