Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ބްރެޒިލްގެ ތަރި ކާލޮސް އެލްބާޓޯ މަރުވެއްޖެ

1970 ވަނަ އަހަރުގެ ވޯލްޑް ކަޕްއިން މޮޅުވި ޓީމްގެ ކެޕްޓަން އަދި ބްރެޒިލްގެ ކުޅުންތެރިޔާ ކާލޮސް އެލްބާޓޯ މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 72 އަހަރެވެ.

ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ޖެހި އެންމެ މޮޅު އެއް ގޯލް ކާމިޔާބުކޮށް ދިނީ 1970 ވަނަ އަހަރު އިޓަލީއާއި ދެކޮޅަށް ކުޅުނު މެޗުގައި އެލްބާޓޯ އެވެ.

ބްރެޒިލްއިން ވަނީ އެލްބާޓޯ 53 ފަހަރު ކެޕްކޮށްފަ އެވެ. އަދި އޭނާ ވަނީ ޤައުމީ މުބާރާތްތަކުގައި ފްލުމިނެންސް އަދި ސެންޓޯސް އަށް ކުޅެ އެކިއެކި ވަނަތައް ހޯދައިފަ އެވެ. އެ ދެ ޓީމަށްޓަކައި އޭނާ ވަނީ 400 ފަހަރު ކުޅެފަ އެވެ.

އެލްބާޓޯ މަރުވީ ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން ރިއޯ ޑި ޖެނީރޯގަ އެވެ.

ނަވާރަ ސަތޭހަ ހަތްދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕްއިން މޮޅުވި ބްރެޒިލް ޓީމަކީ ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ކުޅުނު އެންމެ މޮޅު ޓީމެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު 20 ވަނަ ގަރުނުގެ ބައިނަލްއަޤްވާމީ ޓީމްގައި އެލްބާޓޯގެ ނަން ހިމެނުނެވެ. އަދި 2004 ވަނަ އަހަރު އޭނާ ވަނީ ފީފާ 100 ގައި ދިރިހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

އުތުރު އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އާ އެކު އޭނާގެ ކުޅުމުގެ ހަޔާތް ނިންމާލުމަށް ފަހު، އެލްބާޓޯ ވަނީ އޯމަން، އަޒަރުބައިޖާން އަދި އިތުރު 13 ކްލަބްއެއް މެނޭޖްކޮށްފަ އެވެ.

ފްލެމެންގޯއާއިއެކު 1983 ވަނަ އަހަރުގެ ބްރެޒިލިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު، ކޯޗުކުރުން އޭނާ ހުއްޓާލީ 2005 ވަނަ އަހަރު އަޒަރުބައިޖާންއާއި އެކުއެވެ.