Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޕާކިސްތާންގެ "ކަވަ ގާލް" ހައްޔަރުކޮށްފި

ޝަރްބަތު ގުލާގެ ފޮޓޯނެގި ސްޓީވް މެކްކަރީ - ފޮޓޯ: އޭއެފްޕީ / ގެޓީ

ނޭޝަނަލް ޖިއޮގްރަފިކް ޗެނެލް މެގެޒިންގެ ބޭރުގަނޑުގައި 1985 ޝާއިރު ކުރި، ފެހި ކުލައިގެ ލޯ ހުންނަ އޭރު އުމުރުން 12 އަހަރުގެ އަފްޣާނިސްތާނުގެ ޝަރްބަތު ގުލާ އަސްލު ނޫން އައިޑެންޓިޓީ ކަރުދާސްތަކެއް ގެންގުޅުމުގެ ކުށުގައި ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ޖޫރިމަނާ އާއި 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި އޭނާ އަފްޣާންގެ ބޯޑަރު ކައިރީގައި އޮންނަ ޕޭޝަވަރުގައި ދެއަހަރު ވަންދެން ހޯދުމަށް ފަހު އޭނާ ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އިން ކަމަށެވެ.

ޕާކިސްތާނުންވަނީ ދާދިފަހުން ފޭކް އައިޑީތަކާއި ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

ތުހުމަތުކުރެވޭ ގޮތުގައި ގުލާވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ޝަރްބަތު ބިބީގެ ނަމުގައި އައިޑީ ކާޑްއެއް ހެއްދުމަށް ހުށައަޅާފައެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ތެދުވެއްޖެނަމަ، އޭނާ ހިމެނޭނީ ޕާކިސްތާނުގެ އައިޑީ ހެއްދުމުގެ ނިޒާމުން ސަލާމަތްވާން މަސައްކަތްކުރާ ޕާކިސްތާނުގައި ދިރިއުޅެމުންދާ އަފްޣާންގެ ރެފިއުޖީންތަކު ތެރޭގައެވެ.

ނޭޝަނަލް ޑޭޓާބޭސް ރެޖިސްޓްރޭޝަން އޮތޯރިޓީގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެފްއައިއޭ އިން ދަނީ ގުލާގެ އައިޑީ ދޫކުރި ތިން މުވައްޒަފުން ހޯދަމުން ކަމަށާއި، އެމައްސަލަ ރިޕޯޓްކުރެވުނު ހިސާބުން ފެށިގެން އެމީހުން ވަނީ ނުފެނިފައި ކަމަށެވެ.

ޕާކިސްތާނުގެ ޑޯން ނޫހުން ރިޕޯޓްކުރާ ގޮތުގައި އައިޑީ ކާޑްތައް ދޫކޮށްފައިވަނީ ގުލާއާއި އޭނާގެ ދަރިން ކަމުގައި ބުނި އިތުރު ދެފިރިހެނުންނަށް ކަމަށެވެ.

"އެއީ އޭނަގެ ދަރިން ކަމަށް ނުވެދާނެ. އެކަމަކު މިއީ އަފްޣާންގެ ރެފިއުޖީންގެ މެދުގައި އާންމު އާދައެއް. އެމީހުންނާއި ގުޅުމެއް ނެތް މީހުންނަކީ އެމީހުންގެ ދަރިންގެ ގޮތުގައި ޑޮކިއުމެންޓްތައް ހޯދުމަށްޓަކައި ލިސްޓުކުރޭ"، ނޭޝަނަލް ޑޭޓާބޭސް ރެޖިސްޓްރޭޝަން އޮތޯރިޓީގެ މީހަކު އެ ނޫހަށް މަޢުލޫމާތު ދިނެވެ.

pakistan-1984

މަޝްހޫރުވެފައިވާ ގުލާގެ "އަފްޣާންގެ އަންހެން ކުއްޖާ" ފޮޓޯ ނަގާފައިވަނީ 1984 ވަނަ އަހަރު ހުޅަނގު-އުތުރު ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕްއަކުންނެވެ. އެފޮޓޯ ވެގެންދިޔައީ އެހާތަނަށް ޗާޕްކުރެވުނު އެންމެ ފާހަގަކުރެވޭ މަޖައްލާގެ ބޭރުގަނޑަށެވެ.

2002 ވަނަ ފޮޓޯގްރާފާ ސްޓީވް މެކްކަރީ ވަނީ އޭނާ ނެގި ފޮޓޯގައި އިން އަންހެން ކުއްޖާ 17 އަހަރަށްފަހު ހޯދާފައެވެ. އެއިރު ގުލާ ދިރިއުޅެމުން ދިޔައީ އޭނާގެ ފިރިމީހާއާއި ތިން އަންހެން ކުދިންނާއިއެކު އަފްޣާންގެ އަވަށެއްގައިއެވެ.

ބިދޭސީން އަސްލުނޫން އައިޑީތައް ހެއްދުމާއި ޚިލާފަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 60،675 ކާޑް ހޯދިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އދގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ޕާކިސްތާނުގައި ރަޖިސްޓްރީވެފައިވާ 1.4 މިލިއަން އަފްޣާންގެ ރެފިއުޖީން ދިރިއުޅެއެވެ. އަދި ރަޖިސްޓްރީވެފައިނުވާ އިތުރު އެއް މިލިއަން ރެފިއުޖީން އެޤައުމުގައި ދިރިއުޅެމުންދާ ކަމަށް ލަފާކުރެވެއެވެ.