ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު މައުމޫން ފެކްޝަނަށް ތާއިދު ކުރަން ނިންމައިފި އެވެ.
ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދިފައި ވަނިކޮށް ރައީސް މައުމޫންގެ ފެކްޝަނަށް ތާއިދު ކުރައްވާ ކަން ރަސްމީކޮށް މިއަދު ހާމަކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީއާއި، ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)އާއި އެމްޑީއޭއަށް ނިސްބަތްވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފެވެ.
"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ބައެއް މެމްބަރުންތަކެއް ވަނީ ރައީސް މައުމޫންގެ ފެކްޝަނަށް ތާއިދު ކުރުމަށް ނިންމައިފަ އެވެ.
މީގެ ކުރިން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްްމަދު ވަޙިދު (ލޯޔަރު ވައްޑެ) އާއި ބާރަށު ދާއިރާގެ މެމްބަރ އިބްރާހިމް ޝުޖާއުގެ އިތުރުން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ރައީސް މައުމޫން އާއި ގުޅިވަޑައިގެންފަ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސް ކޮންފަރެންސްގައި މިހުރިހާ މެމްބަރުން ވެސް ވަނީ ރައީސް ޔާމީންއަށް ތާއިދު ކުރައްވައިގެން ތިއްބެވި މަޖްލިސް މެމްބަރުންނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެހެނިހެން ޕާޓީތަކުގެ މެމްބަރުންނާ ގުޅިވަޑައިގެން ގައުމު އިސްލާހް ކުރުމުގެ މަަސައްކަތް ކުރައްވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.