Last Updated: March 29, 10:59
Friday, March 29, 2024
ސިޔާސީ

އިސްލާހީ މަސައްކަތުގައި ނަޝީދު ބައިވެރި ވާނެ: މުސްޠަފާ

މައުމޫން ފެކްޝަންގެ ޕާލިމެންޓްރީ ގްރޫޕުން ފަށާފައިވާ އިސްލާހީ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޝައްކު ނުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ފާރިސް މައުމޫން ޓެގް ކުރައްވައި މުސްޠަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫންގެ ފެކްޝަނަށް ތާއިދުކުރަން މިއަދު 8 މެމްބަރަކު ނިންމެވުމާއި ގުޅިގެން މަޖްލީހުގައި ރައީސް ޔާމީން ހިފަހައްޓަމުން އައި މެޖްލިސް މެޖޯރިޓީއަށް މިވަނީ ބުރޫ އަރާފައެވެ. އެއާއި އެކު މައުމޫންއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވީ އެފަރާތްތަކުން މަސައްކަތް ކުރައްވާނީ ވަކި ޕާލިމެންޓްރީ ގްރޫޕެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދުގެ އެއްބާރުލުން ލިބޭނެކަމަށް މުސްތަފާ ވިދާޅުވެފައިވާ އިރު މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ރައީސް މައުމޫންއަށް ތާއިދު ކުރައްވަން ނިންމެވި މަޖްލިސް މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ދެން ވެރިކަން ދިފާއު ނުކުރެއްވޭނެ ކަމަށެވެ.

މުސްޠަފާއާއި އެކު މިއަދު ރައީސް މައުމޫންއަށް ތާއިދު ކުރައްވަން ނިންމެވި މެމްބަރުން ވިދާޅުވީ އިދިކޮޅު ޕާޓީ ތަކާއި ގުޅިގެން މިހާރު ފާސްކޮށްފައިވާ ބައެއް ގާނޫންތައް ބަދަލު ކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ޓެރަރިޒަމް ގާނޫނާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގާނޫނާއި އަދިވެސް މިފަދަ އެތައް ގާނޫނެއް ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ.