Last Updated: March 29, 02:52
Thursday, March 28, 2024
ސިޔާސީ

ސަރުކާރަށް ދެއްވި ތާއީދު މައުމޫން ގެންދަވައިފި

ރައީސް މައުމޫން އިސްވެ ހުންނަވައިގެން 2013 ވަނަ އަހަރު އެކުލަވާލި ސަރުކާރަކީ ޕީޕީއެމް ސަރުކާރެއް ކަމަށާއި، ނަމަވެސް މިހާރު ސަރުކާރު ހިންގަމުންގެންދަނީ ޕީޕީއެމްގެ ރޫހާއި، ފިކުރާްއި ހިލާފަށްކަމަށާއި އެހެންވެ މި ސަރުކާރަށް ތާއިދު ނުކުރާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ޝީ ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ޕީޕީއެމްގެ ތެރެއަށް ވަދެގެން އުޅޭ ބައެއް އޮޅުވާލައިގެން ހިންގާ ސަރުކާރެއް ކަމަށެވެ.

މައުމޫން ވިދާޅުވީ މި ސަރުކާރު އުފެދިގެން އައީ ޕީޕީއެމްގެ ފިކުރާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމުކަމަށާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުންކަމަށެވެ

"ގައުމީ މަސްލަހަތު އެއްފަރާތްކޮށް، އަމިއްލަ މަސްލަހަތު އިސް ކުރާ ސަރުކާރަކީ ހަގީގަތުގައި ޕީޕީއެމްގެ ސަރުކާރެއް ނޫން. ރައްޔިތުންނަށް ގެއްލުން ދިނުމަކީ ވެސް ޕީޕީއެމްގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫން"