Last Updated: April 24, 23:11
Wednesday, April 24, 2024
ސިޔާސީ

ޝައިނީގެ ފާޑުކިޔުންތަކެއް އަނެއްކާ ވެސް މައުމޫނަށް

ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ ކޮއްކޯފުޅު، މިހާރުގެ ރައީސް ޔާމީނުގެ ވެރިކަމަށް ކުރެއްވި ތާއީދު މިރޭ އަނބުރާ ގެންދަވާފައިވާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް، މުހައްމަދު ޝައިނީ އެމަނިކުފާނުގެ ފާޑުކިޔުންތައް މައުމޫނަށް އަމާޒުކޮށްލައިފިއެވެ.

މައުމޫނަށް ފާޑުވިދާޅުވަމުން ޝައިނީ ކުރި ޓުވީޓެއްގައި އެމަނިކުފާނުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދައިން ގާނޫނު މުގުރައްވާލަނީ ނޫންތޯ ސުވާލު އުފައްދާފައިވެއެވެ.

މިނިސްޓަރުގެ މި ޓުވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ފާޅުގައި ރައްދު ދެއްވާފައެވެ.

ޝައިނީގެ ޓުވީޓަށް ރިޔާޒު ރައްދު ދެއްވަމުން ކުރި ޓުވީޓެއްގައި ވަނީ މައުމޫން ގާނޫނު މުގުރާލައްވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާއިރު ތިބޭފުޅާ ދިފާއު ކުރައްވަނީ ކޮރަޕްޓު ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

މައުމޫނުގެ މި ނިންމެވުމާއެކު ރައީސް ޔާމީނަށް ތާއީދު ކުރި ގިނަ މަޖިލިސް މެމްބަރުންނެއް ވަނީ މައުމޫނާއި އެއްގޮތަށް އެމަނިކުފާނުގެ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދަވައި މައުމޫނާއި އެއްކޮޅަށް އަރާފައެވެ.