މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަ ކުރާ ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި މިހާރުގެ ރައީސް ޢަބްދުﷲ ޔާމީނަށް ދޭން ނިންމައިފި ވެ.
އެގޮތަށް ޕީޕީއެމްގެ ކައުންސިލުން ނިންމީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭން ކައުންސިލުން ނިންމެވީ އެމަނިކުފާނު ފައްޓަވާފައިވާ ތަރައްގީގެ މަސައްކަތް ނިންމެވުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި ޕީޕީއެމްގެ އަސާސީ ޤަވާއިދަށް ހަވާލާދީ ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ ޓިކެޓު ރައީސް ޔާމީންނަށް ދޭން ކައުންސިލުން ނިންނެވީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ ޓިކެޓު ރައީސް ޔާމީންނަށް ދޭން ނިންމެވި ބައެއް އެހެން ސަބަބުތައް ހާމަ ކުރައްވައިފަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖެ އޭރުއޮތް އަނދަވަޅުން ނަންގަވާ އިޖްތިމާޢީ ޙާލަތާއި، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެއްވާ ޢުމްރާނީ ތަރައްޤީ ބާރުމިނުގައި ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވީހިނދު އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން ކަނޑައެޅިގެން އަބަދާއަބަދު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ޙަފްލާއެއްގައި ވިދާޅުވަމުން ގެންދަވާތީ،" އަދުރޭ ވިދާޅުވި އެވެ. "އަދި އެކަން ޢަމަލުން ސާބިތުކޮށް ދޭތީވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ވެސް އެމަނިކުފާނު ވަރަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތީ. އަދި ޤައުމަށް ކޮންމެ ފަދަ ޙާލަތެއް ދިމާވިޔަސް ޤައުމުގެ ރައްޔިތުންނާ އެކީގައި އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން ޕާޓީއަށާއި ރައްޔިތުންނަށް ސާބިތުކޮށް ދީފައިވާތީ، ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ ޕާޓީ ޓިކެޓްގައި ވާދަކުރާނީ ރައީސް ޢަބްދުﷲ ޔާމީން."
އޭނާ ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތުން ރައީސް މީން ކާމިޔާބު ކުރައްވާނެ އެވެ.