Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

މި ފްލެޓްތަކަށް ވާން އުޅޭ ގޮތެއް ނިކަން ބުނެދީބަލަ

މި ސަރުކާރުން އައްޑޫގައި އިމާރާތް ކުރި ފްލެޓްތަައް ދޫނުކުރެވި ލަސްވާތީ އަނެއްކާ ވެސް ފްލެޓްތަކަށް ކުރިމަތިލި މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.

ހިތަދު އާއިި ހުޅުމީދޫގައި އިމާރާތް ކުރި ފްލެޓްތައް ނިމިފައި ހުންނަތާ ވެސް މިހާރު އެތައް ދުވަހެއްވެއްޖެ އެވެ. މި ފްލެޓްތަކަށް ކުރިމަތިލާން ހުޅުވައިލީ 2016 ގަ އެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ވެސް ނިމުމަކަށް އަންނަ މި ފްލެޓަށް ވާން އުޅޭ ގޮތެއް ސާފު ނުވާތީ ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ފްލެޓްތައް ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން އެކި ފަހަރު އެކި މުއްދަތު ވެސް ދިނެވެ. އެގޮތުން މިދިޔަ އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ވެސް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ދެއްވާފައިވެ އެވެ.

އެކަމަކު އާ އަހަރެއް ފެށި އަހަރު ދެބައިވެގެން ދާ އިރު، މިއީ ފްލެޓެއްގައި ރައްޔިތަކަށް އުޅެން ފުރުސަތެއް ލިބޭ ގޮތެއް ނުވެ އެވެ. ސަރުކާރުން މި ފަހުން ދައްކާ ހުއްޖަތަކީ ފްލެޓް ސަރަހައްދުގައި ފެނާއި ނަރުދަމާ ފަދަ މަސައްކަތްތައް ނިންމާފައި ފްލެޓްތައް ހަވާލު ކުރަން ބޭނުންވާތީ އެކަމަށް ވަގުތު ނަގަނީ އެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކީ މި ފްލެޓްތައް ލިބޭ އިރު، އަލުން ބޮޑެތި މަރާމާތުތަކެއްކޮށްގެން އެތަންތަނަށް ވަންނަން ޖެހިދާނެތީ އެވެ. މިހާރު ވެސް ބައެއް ފްލެޓްތަކަށް އެކި ކަހަލަ ގެއްލުންތައް ލިބިފައިވެ އެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިމިގެންދާ އިރު، އައްޑޫގައި އިމާރާތް ކުރި ފްލެޓްކޮޅު ވެސް ރައްޔިތުންނަށް ހަވާލުކޮށް ނުދެވުމަކީ، ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ނުވިސްނާ ކަމުގެ ހެއްކެއް ކަމަށް އައްޑޫގެ ގިނަ މީހުން ބުނެ އެވެ.

މި ސަރުކާރުން ވަނީ ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އިމާރާތްކޮށްފަ އެވެ.