Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ގަމުގައި މަސައްކަތް ކުރި މުވައްޒަފުންނަށް އެވޯޑެއް ދެނީ

އައްޑޫ ގަމުގެ އެކިއެކި ވަޒީފާތައް އަދާ ކުރި މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، މުވައްޒަފުންގެ ދުވަހެއް ފާހަގަ ކުރާ ގޮތަށް ނިންމައި މުވައްޒަފުންނަށް އެވޯޑެއް ދޭން ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓެޝަނަލް އެެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ގަމުގެ އެއާޕޯޓާއި ކުރީގެ އައްޑޫ ގަން ބަލަހައްޓާ ޔުނިޓް (އޭޑީއޭ) ގައި މެދުނުކެނޑި 10 އަހަރު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

އެހެންވެ ގަމުގައި އެކިއެކި ވަޒީފާތައް އަދާ ކުރި މީހުން ވަޒީފާތަަކަށް ވަން ތާރީހާއި ވަކިވި ތާރީހުތައް އެނގޭ ގޮތަށް މި މަ މަހުގެ 16 ގެ ކުރިން ލިޔުން ފޮނުވުނަށް އެދޭ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ކުރިން އިނގިރޭސިންގެ މައި ބޭސްއެއްގެ ގޮތުގައި ބޭނުން ކުރި ގަމަކީ އައްޑޫގެ ވަރަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަރަށް ގިނަ ވަޒީފާތައް އުފައްދައި، އައްޑޫގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސި އެވެ.

އޭޑީއޭއަކީ އެގޮތުން އުފެދުނު މުއައްސަސާއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ހަމައަށް އޭޑީއޭގައި ގިނަ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރި އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގައި އޭޑީއޭ އުވާލައި، ގަމުގެ ހުރިހާ ކަމެއް ވަނީ އޭއައިއޭއާ ހަވާލުކޮށްފަ އެވެ. އެ ބަދަލާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ވަޒީފާ ވެސް ގެއްލިގެން ދިޔަ އެވެ.