Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ސައުދީން ދިން ކަދުރު ބަހަން ފަށައިފި

ރާއްޖެ އަށް ސައުދީ އަރަބިއްޔާ އިން ހަދިޔާ ކުރި 50 ޓަނުގެ ކަދުރު މާލެ ސަރަހައްދުގައި ބަހަން މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންމެ ގޭބިސީއަކަށް ދޭނީ އެއް ޕެކެޓް ކަދުރެވެ.

ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރަޖިސްޓްރީ ގެންދިއުމުންނެވެ. ކުއްޔަށް ހިފާފައިވާ ފްލެޓެއް ނުވަތަ އެޕާޓްމެންޓެއް ނަމަ ހުށަހަޅަން ޖެހެނީ ކުއްޔަށް ދީފައިވާ ކަމުގެ އެގްރީމެންޓްގެ އަސްލެވެ.

ކަދުރު ބަލައިދާ މީހާގެ އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ.

މާލެ އާއި ވިލިމާލޭގެ ގެތަކަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. ހުޅުމާލެ އަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަދުރު ބަހާ އިރު، ރަށްތަކަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކަދުރު ދޫކުރުން އޮންނާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގައި ހެނދުނު 9:00-6:00 އަށެވެ.