Last Updated: April 18, 10:54
Thursday, April 18, 2024
ޚަބަރު

އައްޑޫގެ ވިޔަފާރި ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި

އައްޑޫން ވިޔަފާރި އަށް ދޫކުރަން ނިންމި 68 ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، އެކަމަށް އެދޭ ފޯމް ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓާއި އެތަނުގެ ޔުނިޓްތަކުން ލިބޭނެ ކަމަށެވެ.

އައްޑޫން ބިންތައް ދޫކުރަނީ 4 ޒޯނަކުންނެވެ. އެއީ ބަންދަރު ސަރަޙައްދާއި އީސީސީ ސަރަޙައްދާއި ލިންކްރޯޑް ނުވަތަ ޕްރައިމަރީ މަގުތަކާއި އަދި މީހުންދިރިއުޅޭ ސަރަޙައްދުތަކުންނެވެ.

އެންމެ ގިނަ ބިންތައް ދޫކުރަނީ ފޭދޫންނެވެ. އެގޮތުން ފޭދޫން 1،000-1،500 އަކަފޫޓާ ދެމެދުގެ 25 ބިން ދޫކުރަން ހަމަޖެހިފައިވެ އެވެ.

ހިތަދޫން 1،800-2،900 އަކަފޫޓާ ދެމެދުގެ 14 ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ އިރު މީދު އާއި މަރަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ، އެއިން ކޮންމެ އަވަށަކުން 6 ބިމެވެ. މަރަދޫން ދޫކުރަނީ 1،000 އަކަފޫޓުގެ ބިންތަކެކެވެ. އަދި މީދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 3،000 އަކަފޫޓޫގެ ބިންތަކެކެވެ.

މަރަދޫފޭދޫން 1،000-1200 އަކަފޫޓުގެ 10 ބިން ދޫކުރާ އިރު ހުޅުދޫއިން 2،000-3،000 އަކަފޫޓުގެ 7 ބިން ދޫކުރާނެ އެވެ.

މި ބިންތަކަށް ކުރިމަތި ލެވޭނީ އައްޑޫގެ ރައްޔިތުންނަށް އެކަންޏެވެ. އަދި ބިންތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށައަޅާ އަގަށާއި ޕްރޮޕޯސަލްއަށެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގައި ޢިމާރާތް ކުރެވޭނެ ދެ ބުރިއަށެވެ. އަދި މި ބިންތައް ކުއްޔަށް ދޫކުރަނީ 5 އަހަރުގެ މުއްދަތަކަށެވެ.