Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިމްރާން ހުވާ ކުރުމުގެ ރަސްމިއްޔާތު 18 ގައި

ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގަތް ކުރީގެ ކްރިކެޓް ތަރި އިމްރާން ހާން ހުވާ ކުރުމުގެ ރަސްމިއްޔާތު މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ޕާލަމެންޓްގެ ގޮނޑި ހަމަވާ ކޯލިޝަނެއް ހެދިފައިވާ އިމްރާންގެ ވެސް ތަހުރީކޭ އިންސާފު ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ 1992 ވަނަ އަހަރު އިމްރާން ޚާންގެ ކެޕްޓަންކަމުގެ ދަށުން ކްރިކެޓް ވޯލްޑް ކަޕް ތަށި ޕާކިސްތާނަށް ކާމިޔާބުކޮށްދިން ޓީމުގެ ހުރިހާ މެމްބަރުންނަށް ވެސް، އިމްރާން ޚާން ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިހާރު ދައުވަތު ދީފައިވާ ކަމަށެވެ
އަދި އަވަށްޓެރި އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރިން ކަމަށްވާ ކަޕިލް ދޭވް އާއި ސުނިލް ގަވަސްކަރާއި ނަވްޖޯތު ސިންގް ސިދޫ އަށް ވެސް ރަސްމިއްޔާތަށް ދައުވަތު ދީފައިވެ އެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމީ ތަރިންނަށް ވެސް ދައުވަތު ދީފައިވެ އެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަނީ މި މަހުގެ 13 ވަނަ ދުވަހު އާ ޕާލަމެންޓްގެ ޖަލްސާތައް ފެށުމަށް އަންގަވައިފަ އެވެ.

މިދިޔަ މަހުގެ 25 ގައި ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބުން ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އިމްރާން، 65، ގެ ޕާޓީންނެވެ.

ނަމަވެސް އެ ޕާޓީ އަށް އެކަނި ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް އަޣުލަބިއްޔަތު ނުލިބުމުން، އަޣުލަބިއްޔަތު ހަމަކުރީ އިދިކޮޅު އެހެން ކުދި ޕާޓީތަކާއި ސަރަހައްދީ ޕާޓީތަކާ ކޯލިޝަން ހަދައިގެންނެވެ.