Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މުސާރަ ނުދީ އަވަގުރާނަ ގޮވުމުން އައްޑޫ ރެފްރީން އެފްއޭއެމަށް ރަތްކާޑު ދައްކައިފި

އައްޑޫގައި ތިބި ބައެއް ރެފްރީންތަކެއް. އެފްއޭއެމް އިން ބޭއްވި މުބާރާތްތަކުގައި ރެފްރީކަން ކުރުމުން ރެފްރީންނަށް ދޭން ޖެހޭ އުޖޫރަ ނުދޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި.

ރެފްރީކަން ކުރުވުމަށް ފަހު ދޭން ޖެހޭ އުޖޫރަ ދީފައި ނުވާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އަށް ރަތްކާޑު ދައްކައި އެ އިދާރާގެ ހުރިހާ ހަރަކާތެއް ބޮއިކޮޓް ކުރަން އައްޑޫގައި ތިބި ގިނަ އަދަދެއްގެ ރެފްރީން ނިންމައިފި އެވެ.

އައްޑޫގައި ތިބި ރެފްރީން އެފްއޭއެމްގެ ހަރަކާތްތައް ބޮއިކޮޓް ކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން ގިނަ ރެފްރީންނަށް ދޭންޖެހޭ ފައިސާ އެފްއޭއެމް އިން ނުދޭތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެ ރެފްރީން ބުނެފައިވަނީ ރެފްރީންނަށް ފައިސާ ނުދީ ލަސްކުރަމުންދަނީ ކީއްވެގެން ކަން ނޭނގޭ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ގުޅުމުން "މާދަމާ ޖަމާކުރާނެ" ކަމަށް އަންގާ ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް ގުޅުމުން މި ބުނަނީ. އާދޭހޭ ޖަމާ މިކުރަނީ އޭ. މިކުރަނީ އޭ. އެކަމަކު އެތައް ދުވަހެއް ވެއްޖެ މި ފައިސާ ނުލިބިގެން އާދޭސް ކުރާތާ. މިއީ ދޭންޖެހޭ އެއްޗެއް ހޯދަން މިއުޅެނީ" ރެފްރީ އަކު ބުންޏެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ރެފްރީން ބުނިގޮތުގައި އެންމެ ފަހުން ފައިސާ ހޯދުމަށް ގުޅި ރެފްރީއަކާއި ދިމާލަށް އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓުގެ ހެޑް މުހައްމަދު އަގީލް އަވަގުރާނަ ގޮވާފައި ވާކަމަށެވެ.

އަދި އެފްއޭއެމްގެ ހަރަކާތްތައް ބޮއިކޮޓް ކުރަން ނިންމި ސަބަބަކީ އެއީ ކަމަށާއި މުސާރަ ނުދޭ އިރު އަވަގުރާނަ ގޮވުމުގެ ހައްގެއް އަޤީލަކަށް ނޯންނާނެ ކަމަށް ރެފްރީން ބުންޏެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތަށް އުޖޫރަ ހޯދަން ގުޅީމާ އަގީލް އަވަގުރާނަ ގޮވީ. އަޅުގަނޑުމެން ނުގުޅަން އެބޭފުޅާގެ އަމިއްލަ ފައިސާއެއް ހޯދާކަށް. އެފްއޭއެމް އިން ފައިސާ ހޯދަން ގުޅީ." އައްޑޫގައި މަސައްކަތް ކުރާ ރެފްރީންގެ ފަރާތުން ވާހަކަ ދެއްކި ފޭދޫއަށް ނިސްބަތްވާ ރެފްރީ ބުންޏެވެ.

އައްޑޫ ސިޓީގައި ތިބި އެފްއޭއެމްގެ ގިނަ ރެފްރީންނަކީ ފުލްޓައިމްކޮށް ރެފްރީކަން ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެހެންވެ ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދިނުމުގެ ސަބަބުން މާލީގެ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރެފްރީން ވަނީ ހާމަކޮށްފައެވެ.

2017 ވަނަ އަހަރު އައްޑޫގައި ބޭއްވި އެފްއޭއެމްގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތްތައް ފެށެން ގާތްވި އިރުވެސް ފައިސާގެ މައްސަލަ ދިމާވެގެން އެ މުބާރާތް ބޮއިކޮޓް ކުރުމަށް ރެފްރީން ނިންމިއެެވެ.

އެކަމާއި ގުޅިގެން ރެފްރީންނަށް ދޭން ހުރި ފައިސާއިން ކޮންމެވެސް މިންވަރެއް ދިނުމަށްފަހު ބާކީ ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ބުނުމުން ރެފްރީން ވަނީ އެ މުބާރާތަށް ނިކުމެފައެވެ.

"ގަދަ އަވީގައި ރެފްރީކަން ކޮށްފައި އަޅުގަނޑުމެންނަށް ލިބެންޖެހޭ ހައްގު ފައިސާ ހޯދުމަށް. އެހެންވީމާ އަގީލް އަކަށް ހައްގެއް ނޯންނާނެ ނުދޭނަމޭ ވިދާޅުވެ އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ރެފްރީންނާއި ދިމާލަށް އަވަގުރާނަ ގޮވުމުގެ ހައްގެއް." ރެފްރީއަކު ބުންޏެވެ.

އައްޑޫގައި ތިބި ރެފްރީންނަށް އެފްއޭއެމް އިން ދޭން ޖެހޭ މުސާރައިގެ މައްސަލައިގައި ރެފްރީން ބުނެފައިވަނީ އެފްއޭއެމް އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.