Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

އިންޓަ ބަލިކޮށް ޔުވެންޓަސް އަށް 11 ޕޮއިންޓުގެ ލީޑެއް

ޔުވެންޓަސްގެ ގޯލު ކާމިޔާބުކޮށްދިން މާރިއޯ މަންޒުކިޗް - ފޮޓޯ: ޔުވެންޓަސް

އިންޓަ މިލާންގެ މައްޗަށް 1-0 އިން ކުރި ހޯދާ، އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން 11 ޕޮޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 43 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެ 32 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ރޭގެ މެޗުން ބަލިވި އިންޓަ އޮތީ 29 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ޔުވެންޓަސްގެ "އެލިއާންޒް ސްޓޭޑިއަމް" ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން އިންޓަގެ ރޮބާޓ ގަލިއާޑީނީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޔުވެންޓަސްގެ ފޯވާޑް މަންޒުކިޗް ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އިންޓަގެ ގޯލްކީޕަރު ހެންޑޮނޮވިޗްއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އިންޓަގެ ޕޮލިޓާނޯ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. ލީޑު ނަގަން އިންޓަ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު މެޗުގެ 66 ވަނަ މިނެޓްގައި ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ. ކަންސެލޯ ނަގައިދިން ހުރަހަކުން މި މެޗުން ޔުވެންޓަސް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މަންޒުކިޗްއެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވިއިރު އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ވެސް އެޓީމު ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އިޓާލިއަން ލީގު ފާއިތުވި ހަތް އަހަރުވެސް ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ.

ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ޔުވެންޓަސް އިން ނަގާފައިވާއިރު، އެ ލީޑު ކުޑަކުރުމަށް ލީގުގެ ދެވަނައިގައި އޮތް ނަޕޯލީން މިރޭ ނިކުންނާނީ 19 ވަނައިގައި އޮތް ފްރޮސިނޯނޭއާ ދެކޮޅަށެވެ.