Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ސިޓީ ބަލިކުރާނެ ގޮތް ސާރީ އަކަށް ނޭނގޭ!

މައުރީޒިއޯ ސާރީ - ފޮޓޯ: ޕީއޭ

މެންޗެސްޓަރ ސިޓީ ބަލިކުރާނެ ގޮތް ބުނަން ނޭނގޭ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސިޓީ އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު، މިއީ މި ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. އެގޮތުން ސީޒަން ހުޅުވުމަށް ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު އެ މެޗު 2-0 އިން ކާމިޔާބުކުރީ ސިޓީންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީ އޮތީ 41 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ޗެލްސީ އޮތީ 31 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލީގުގައި ސިޓީ އަދި މެޗަކުން ބަލިވެފައިނުވާއިރު، މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސާރީ ބުނީ ސިޓީ ބަލިކުރާނެ ގޮތް އޭނާ އަށް ވެސް ނޭނގޭ ކަމަށާއި އެ ސުވާލު އެހެން މީހަކާއި ކުރުން ރަނގަޅު ކަމަށެވެ.

"ޕެޕް ގާޑިޔޯލާއާ (ސިޓީގެ ކޯޗު) ދެކޮޅަށް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް އަހަރެން ވީ ބަލި. އެހެންވީމަ އޭނާގެ ޓީމެއް ބަލިކުރާނެ ގޮތް އަހަންނަކަށް ނޭނގޭ. ތި ސުވާލު ކޮންމެވެސް އެހެން މީހަކާއި ކުރަންޖެހޭނީ" ސާރީ ބުންޏެވެ.

ލީގުގައި އެންމެފަހުން ކުޅުނު މެޗުން ޗެލްސީ ބަލިވެފައިވާއިރު ސާރީ ބުނީ މި މެޗަކީ އެޓީމަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި ސިޓީ ބަލިކުރުމަކީ ކިތަންމެ އުނދަގޫ ކަމަކަށްވީ ނަމަވެސް ފުޓްބޯޅަ މެޗެއްގައި ކޮންމެ ކަމެއްވެސް ވެދާނެ ކަމަށެވެ.

"އަހަރުމެން ސީޒަން ފެށީ ވަރަށް ރަނގަޅަށް. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ދިމާވަމުން މި އަންނަނީ. އާ ގޮތަކަށް ކުޅޭއިރު އުނދަގޫތަކާއި ވެސް ދިމާވާނެ. ފަހަރަކު މައްސަލައެއް ހައްލުކޮށް، ކޮންމެ ދުވަހަކު ވެސް ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ" އިޓަލީއަށް އުފަން ކޯޗު ބުންޏެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ޗެލްސީގައި ނެތް ނަމަވެސް، މި މެޗުގައި އަނިޔާގެ ސަބަބުން ސިޓީގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯ ނުކުޅޭނެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 10:30 ގައެވެ.