Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބު ހޯދަން ކޮމިޓީއެއް އެކުލަވާލައިފި

އަހްމަދު މަހުލޫފް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރާއްޖޭގެ ކްލަބްތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު ސަބަބު ހޯދަން "ފެކްޓް ފައިންޑިން ކޮމިޓީ" އެއް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެކުލަވާލަައްވައިފިއެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ކޮމިޓީގެ މައިގަނޑު ބޭނުމަކީ އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބު ހޯދައި، އިސްލާހު ކުރަންޖެހޭ ކަންކަން ބެލުން ކަމަށެވެ. އަދި މި މަސައްކަތް ކުރެވޭނީ ރާއްޖޭގެ ކްލަބުތަކާއި އެފްއޭއެމް އަދި އޭއެފްސީއާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އަހުމަދު ޝާހިރު އާއި ހަސަން މަނިކު އާއި އަބްދުލް ހަމީދު އަބްދުލްޣަފޫރު އާއި އަހުމަދު ނަސީމް (ޕެރިސް) ގެ އިތުރުން އަހުމަދު މުހައްމަދުއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކްލަބުތަކަށް ގެއްލުނީ އޭއެފްސީގައި ކްލަބްތައް ރަޖިސްޓްރީކުރަން ދިން މުއްދަތުގައި އެފްއޭއެމް އާއި ކްލަބްތަކުން އެކަންކޮށްފައިނުވާތީއެވެ.

އޭއެފްސީ ކަޕްގައި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކްލަބުތަކުން އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން މި މުބާރާތުގައި އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި ރާއްޖޭގެ ކްލަބަކީ ނިއުރޭޑިއަންޓެވެ. އެގޮތުން ނިއު އިން ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައެވެ.