Last Updated: April 25, 10:40
Thursday, April 25, 2024
ކުޅިވަރު

ގްރޫޕްގެ ފަހު މެޗުން ޔުނައިޓެޑާއި ޔުވެންޓަސް ބަލިވެއްޖެ

ޔުވެންޓަސް އާއި ޔަންގް ބޯއީސް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޔުވެންޓަސް ބަލިވެއްޖެއެވެ.

ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމު ވެސް ރޭގެ މެޗަށް ނިކުތްއިރު އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެގޮތުން މި ގްރޫޕްގެ އެއްވަނަ 12 ޕޮއިންޓާ އެކު ހޯދީ ޔުވެންޓަސްއެވެ. 10 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ މެންޗެސްޓަރ ޔުނައިޓެޑް ހޯދިއިރު 8 ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނަ ހޯދީ ވެލެންސިޔާއެވެ. އަދި ގްރޫޕްގެ ފުލަށްދިޔަ ޔަންގް ބޯއީސް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ގްރޫޕްގެ އެއްވަނަ ހޯދި ޔުވެންޓަސް ރޭ ބަލިވީ ޔަންގް ބޯއީސްއާ ބައްދަލުކޮށް 1-2 އިންނެވެ.

ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ގޯލްޖަހާނެ ރަނގަޅު ތިން ފުރުސަތެއް ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބި ބޭކާރުވެފައިވެއެވެ. އެ ފުރުސަތުތަކުގެ ބޭނުން ޔުވެންޓަސް އަށް ނުހިފުނުއިރު މެޗުގެ 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހޯރައު ވަނީ ޔަންގް ބޯއީސް އަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އޭނާއެވެ.

ޔުވެންޓަސް އާއި ޔަންގް ބޯއީސް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. ޑިބާލާ މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފްގައެވެ.

މެންޗެސްޓަރ ޔުނައިޓެޑް ރޭ ބަލިވީ ރަށުން ބޭރުގައި ވެލެންސިޔާއާ ބައްދަލުކޮށް 1-2 އިންނެވެ.

ވެލެންސިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ 17 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު ވެލެންސިޔާ އަށް ކާމިޔާބުކޮށްދިނީ ސޮލާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެލެންސިޔާގެ ފޯވާޑް ބަޓްޝުއާއީ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް އެ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.

ވެލެންސިޔާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް ވެސް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ވެލެންސިޔާ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލަކީ ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ޔުނައިޓެޑާއި ޔުވެންޓަސް ދަތުރުކޮށްފައިވާއިރު، ދެވަނަ ބުރުގައި ބައްދަލުކުރާނެ ޓީމެއް އިނގޭނީ އަންނަ ހޯމަ ނަގާ ގުރުއަތުލުމުންނެވެ.