Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ހައްޔަރުކޮށްފާނެތީ ޔާމީން ބިރެއް ނުގަންނާނެ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ހައްޔަރުކޮށްފާނެތީ ބިރުފުޅުގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިހާރު ޕީޕީއެމްގެ އޮފީހުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ރައީސް ޔާމީން އަކީ ފުލުހަށް ހާޒިރުކޮށްފާނެތީ ނުވަތަ ހައްޔަރުކޮށްފާނެތީ އެކަމާއި ބިރު ގަންނަ ބޭފުޅެއް ނޫން" އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ޔާމީނާއި ކުރީގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ތިބި މީހުން ހައްޔަރުކުރުން ކަމަށާއި މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އަދި ތަރައްގީ މަޝްރޫއުތަކެއް ހިންގަން އައި ސަރުކާރެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރު އައީ ޒާތީ ހަސަދަފިލުވަން، ބަދަލު ހިފަން. އެ ރޫހުގަ އައި ސަރުކާރަކުން މާބޮޑު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އެއްގޮތަކަށް ވެސް އުއްމީދު ކުރައްވާނެ ކަމެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ކަންތައްތަކީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޔާމީނަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް މަޖިލީހަށް އިންތިހާބުވެދާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

"އިންތިހާބުން ނާކާމިޔާބުވީއްސުރެން ފެށިގެން ޔާމީން އެ ހުންނެވީ ގައުމުގައި. އެއްވެސް ގޮތަކަށް ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވި. އަދި އެކަން އެގޮތަށް ކުރައްވަން ބޭނުންފުޅުވެސް ނުވޭ. ޗިޓު ލިބިވަޑައިގެންނެވުމުން ޕޮލިހަށް ހާޒިރުވާން ވެސް ހުންނެވީ ތައްޔާރަށް" އަދުރޭ ވިދާޅުވިއެވެ.

ގާނޫނީ އިމުގެ ތެރެއިން ޔާމީން ހައްޔަރު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެމަނިކުފާނު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.