Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ކާރުކޮޅުގެ ބަދަލުގައި ޔާމީން ފުލުހަށް ހާޒިރުވާނީ ހިންގަވާފައި – އަދުރޭ

ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު (މުހައްމަދު ޝަރުހާން)

ކާރުކޮޅުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ފުލުހަށް މާދަމާ ހާޒިރުވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މާދަމާ ޔާމީން ފުލުހަށް ހާޒިރުވާންދާނީ ޕީޕީއެމް އޮފީހުން ފެށިގެން ހިންގަވާފައި ކަމަށެވެ.

"އެމަނިކުފާނު ޕާޓީ އޮފީހުން ހިންގަވާފަ ޕޮލިސް ސްޓޭނަށް ވަޑައިގަންނަވާނީ. އެއްވެސް ގޮތަކަށް އަނދިރި ބިއްލޫރި ޖެހި ކާރެއްގައި ގޮސް ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ފައިބައިވަޑައިގަންނަވާ ގޮތަކަށް ނޫން ހަމަޖެހިފައި އޮތީ. މިއީ އެއްގޮތަކަށް ވެސް ސިއްރުކޮށްފައި ބާއްވަން ބޭނުންވާ ކަމެއް ނޫން" އަދުރޭ ވިދާޅުވިއެވެ.

ޔާމީން މާދަމާ ފުލުހަށް ހާޒިރުކުރާއިރު އަދުރޭ ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމުގެ ހަގީގީ ބޭނުން މިހާރު ފެށިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ޔާމީން ހައްޔަރު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރު އައުމުގެ އަސްލު މަސައްކަތް ފެށިގެން މިހާރު ކުރިއަށް މިދަނީ. އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ ގާނޫނީ އިމުގެ ތެރެއިން ޔާމީން ހައްޔަރު ނުކުރެވޭނެކަން. އެމަނިކުފާނު ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި ނޯންނާނެ. ހެދިފައި ހުރި ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ކުރެއްވީ" އަދުރޭ ވިދާޅުވިއެވެ.

ގާނޫނާއި ހިލާފުވެގެން ޔާމީން ހައްޔަރު ނުކުރެވޭނެ ކަމަށާއި ޔާމީން ހައްޔަރުކުރާނަމަ ހައްޔަރުކުރާނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި މަގުބޫލު ސަބަބެއް ނެތި ޔާމީން ހައްޔަރުކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ. ޔާމީން ފުލުހަށް ހާޒިރުކުރަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލައިގައެވެ.