Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

"ޔާމީން ގޯހެއް ނުހައްދަވާނެ، ގަޓު ހުންނާނެ"

ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަޙީމް އާއި ރައީސް ޔާމީން. ފޮޓޯ: ސަން

ރައީސް އަބްދުﷲ ޔާމީންގެ ގައިގާ ގަޓު ހުންނަވާނެ ކަމަށާއި އެމަނިކުފާނު ގޯހެއް ނުހައްދަވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިހާބަށްފަހު އެހެން ގައުމަކަށް ފުރާވަޑައިގަތުމުގެ ޖާގަ ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށާއި ޔާމީނަށް ހިޔާމަތް ދެއްވާނެ ގައުމުތަށް ވެސް ހުންނާނެ ކަމަށެވެ.

"އެކަމަކު ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގުނަންނަވައޭ އެގޮތަށް ފިއްލަވާ ވަޑައިގަންނަވާކަށް. ރައީސް ޔާމީން ބޭނުންފުޅު ވަނީ މި ގައުމުގައި ހުންނަވައިގެން އަދި ތަހުގީގީ އިދާރާކަށް ދެއްވަންޖެހޭ އެއްބާރުލުމެއް ދެއްވައިގެން އެމަނިކުފާނުގެ ކުށެއް ނެތްކަން ރައްޔިތުންނަށް ސާބިތުކޮށްދޭން. އެމަނިކުފާނުގެ ގަޓު ހުންނާނެ. ޕޮލިހަށް ހާޒިރުވުމުގެ ގަޓު ހުންނާނެ. ކުރާ ސުވާލަކަށް ޖަވާބު ދެއްވުމުގެ ހިތްވަރު ހުންނާނެ" އަދުރޭ ވިދާޅުވިއެވެ.

ޔާމީން ގޯހެއް ނުހައްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ނަމަވެސް ޔާމީން ފުލުހަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިހާރު މިތިބީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ގާނޫނީ އިމުގެ ތެރެއިން. އެކަމަކު ދައްކަންޖެހޭ ވާހަކައެއް ދައްކާނަން. އަޅުވެތި ކަމަކަށް އާނއެކޭ ނުބުނާނަން" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން މިއަދު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މާދަމާގެ ވަގުތެއްގައި ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރާތީއެވެ.

ޔާމީން ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ. ޔާމީން ފުލުހަށް ހާޒިރުކުރަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލައިގައެވެ.