Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކުރިމަގެއް އޮތް ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް: އަދުރޭ

ޕީޕީއެމްގެ ޖަލްސާގައި އަދުރޭ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ކުރިމަގެއް އޮތް ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕީޕީއެމްގައި ތިބީ ވަރަށް ކެރިގެން ކަމަށާއި ޕީޕީއެމްގައި ވަރަށް ބޮޑު ކުރިމަގެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި ގައުމުގައި ކުރިމަގެއް އޮތް ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް. މި ފިކުރު އޮތީ. މާދަމާ އެހެން ނަމެއް ކިޔާފާނެ މިސާލަކަށް. މިސާލަކަށް ކޯޓުން މި ޕާޓީ މައުމޫނާއި ހަވާލުކުރަން ނިންމިއަސް ޔާމީންގެ ސަޕޯޓަރުން ތިބޭނެ. 96000 ސަޕޯޓަރުން ޔާމީނާއެކު އެބަތިބި. މައުމޫނަށް ދެވޭނީ ޕާޓީގެ ނަން. މި ޕާޓީގައި ތިބި މަޖިލިސް މެމްބަރަކު ވެސް އާއްމު މެމްބަރަކު ވެސް ނުދާނެ މައުމޫނާއެކު" އަދުރޭ ވިދާޅުވިއެވެ.

ޔާމީނާއެކު މި ގައުމުގެ ކުރިމަގު ވެސް އެބައޮތް ކަމަށާއި ނަމަވެސް ޕާޓީގެ ތެރެއިން ހިޔާލު ތަފާތުވުމުން ކޮންމެ މީހަކަށް ކޮންމެ އެއްޗެކޭ ވެސް ވިދާޅުވެވިދާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގައި ކުރިމަގެއް އޮތް ކަމަށް އަދުރޭ ވިދާޅުވިއިރު މިދިޔަ ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން ބޭއްވި ކޮންގްރެސް އަދި އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ދާދިފަހުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އީސީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އިންތިހާބު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.