Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަދުރޭގެ ހޫނު ރައްދެއް ޝައިނީ އަށް!

ކުރީގެ ފިޝަރީޒް މިނިސްޓަރ ޝައިނީ - ފޮޓޯ: ސަން

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވުމުން އެކަމަށް އެ ޕާޓީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.

ކެމްޕެއިން ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށް ޝައިނީ ވިދާޅުވީ އޮންލައިން ނޫސް "އަވަސް" އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

"ޕާޓީގެ ކެމްޕެއިން ތެރެއަށް ވަންނާކަށް އަޅުގަނޑަށް ފުރުސަތެއް ނުލިބުނު. މި ކެމްޕެއިން ތެރޭގަ މުލީއާގޭ ކެމްޕެއިން އޮފީހުގެ އެއްވެސް ކަމެއްގެ ތެރެއަށް އަޅުގަނޑު ނުވަންނަން. ތަޖުރިބާ ތިބި ވަރަށް ގިނަ މީހުންނަށް އޭގެ ތެރެއަށް ވަންނަން ފުރުސަތެއް ނުލިބުނު" ޝައިނީ ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީގެ ނަން ވިދާޅުނުވެ އަދުރޭ ވިދާޅުވީ ކެމްޕެއިންގައި ބައިވެރިވާން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"ޔާމީންގެ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް، އެ ބޭފުޅަކު ބައިވެރިވާން ބޭނުންވާ މިންވަރަކަށް އޮތް. އެއީ ވަޒީރު ބޭފުޅެއް ކަމުގައިވިޔަސް މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް ކުންފުންޏެއްގެ އެމްޑީ އެއް ވިޔަސް އަދި އާއްމު މެމްބަރަކަށް ވެސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވުމަށް ހުރަހެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

އެހެން ފަރާތްތަކުގެ ތާއީދު ހޯދުމުގެ ގޮތުން މީޑިޔާގައި ތަފާތު އެކި ވާހަކަތައް މިއަދު ދެއްކެވުމުގެ ބޭނުމެއް ނެތް ކަމަށާއި މިހާރު މި ހުންނެވީ ޔާމީނާއެކު ނޫން ކަމަށް ވިދާޅުވުން ވެސް މާ ރަނގަޅުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ޔާމީންގެ ކެމްޕެއިންގައި ތިމަންނަޔަށް ބައިވެރިވާން ފުރުސަތު ނުލިބެއޭ ވިދާޅުވުން އެއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު ކޮންމެހެން ނަން ދަންނަވާކަށް ނެތިން. މީޑިޔާގައި މަސައްކަތްކުރާ ބޭފުޅުންނަށް އަޅުގަނޑު މި ދައްކަނީ ކޮން ބޭފުޅެއްގެ ވާހަކަކަން އެނގިވަޑައިގަންނަވާނެ" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ ޝައިނީ ކުރެއްވި ޓްވީޓެއްގެ މައްސަލައާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.