Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނަޝީދުގެ އިސްތިއުފާ ވީ ބޮޑު ސަޕްރައިޒަކަށް – ވަހީދު

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު - ފޮޓޯ: ސަން

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުން ވެގެންދިޔައީ ބޮޑު ސަޕްރައިޒަކަށް ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ ވީޓީވީން މިއަދު ގެނެސްދިން "ހަމީދުގެ މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ ވާހަކަތައް ދައްކަވަމުން ވަހީދު ވިދާޅުވީ ނަޝީދުގެ އިސްތިއުފާ އިން ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށާއި އެއީ ކުރައްވަން ނުވާ ވަރުގެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ނުކުރެއްވިނަމަ މާ ރަނގަޅުވީސް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"އެއީ ކުރައްވަން ނުވާވަރުގެ ކަމެއް. އެ ދުވަހު އެކަން ނުކުރެއްވިނަމަ މާ ރަނގަޅުވީހޭ، އަޅުގަނޑަށް ވިސްނެނީ" ނަޝީދުގެ އިސްތިއުފާއާ ގުޅޭގޮތުން ވަހީދު ވިދާޅުވިއެވެ.

ނަޝީދުގެ އަރިހުގައި އިސްތިއުފާ ދެއްވުމަށް ދުވަހަކުވެސް ދަންނަވާފައިނުވާނެ ކަމަށާއި ކަންތައްތައް އެގޮތަށް ހިނގައިގެންދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެކަންވީ ވަރަށް ބޮޑު ސަޕްރައިޒަކަށް. އޭގެ މިސާލެއްގެ ގޮތުން އަނެއް ދުވަހު ރައީސް އޮފީހަށް ދިޔައިރު އަޅުގަނޑުމެން ތައްޔާރުވެގެނެއް ނޫން ތިބީކީ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަންވެސް. އަޅުގަނޑަށް ވެސް ފުދޭވަރެއްގެ ހައިރާންކަމެއްގެ ތެރެއަށް އެދުވަހު ދާންޖެހުނީ" ވަހީދު ވިދާޅުވިއެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ނަޝީދު ގުޅުއްވިތޯ ސުވާލުކުރެއްވުމުން ވަހީދު ވިދާޅުވީ ނަޝީދު ނުގުޅުއްވާ ކަމަށާއި ނަމަވެސް ގުޅުއްވަން އުޅުއްވިކަމުގެ އަޑުތަކެއް ފަހުން އިވި ވަޑައިގެންފައިވާ ކަމަށެވެ.

"ރަށު ތެރެ ވަރަށް ގޯސްކޮށް އޮތް ދުވަހެއް އެއީ. އެހެންވެ އަޅުގަނޑު ވެސް ނަޝީދަކަށް ނުގުޅަން. އަޅުގަނޑު އެ ދުވަހު ހެނދުނު މޫސާ ޖަލީލާއި (އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް) ގުޅޭތޯ ވަރަށް މަސައްކަތް ކުރިންް. އެހެން ނަމަވެސް ނުނަންގަވާ ފޯނެއް" ވަހީދު ވިދާޅުވިއެވެ.

ފެބްރުއަރީ ހަތެއް އަންނަން މެދުވެރިވާން ޖެހުނު މައިގަނޑު ސަބަބަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ކުރެއްވުމަށްފަހު އެކަމުގައި ގޮތެއް ނިންމެވުމަށް ނަޝީދަށް ލަފާ އެރުވި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.