Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ހާޝޮގީ މަރާލުމުގައި ޕްރިންސް މުހައްމަދުގެ ގާތް ފަރާތްތަކެއް ހަރަކާތްތެރިވި!

ޕްރިންސް މުހައްމަދު ބިން ސަލްމާން

ނޫސްވެރިޔާ ޖަމާލު ހާޝޮގީ މަރާލުމުގައި ސައުދީގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް މުހައްމަދު ބިން ސަލްމާންގެ ގާތް ފަރާތްތަކެއް ހަރަކާތްތެރިވި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ހާޝޮގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައި ކަމަށްވާއިރު، ސައުދީން ބުނާ ގޮތުގައި ހާޝޮގީ މަރުވީ އެތަނުގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިންނެވެ. ހާޝޮގީގެ މަރާއި ގުޅިގެން ބައެއް ފަރާތްތައް ސައުދީ ސަރުކާރުން ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާގެ ހަށިގަނޑަށް ވީގޮތް ސައުދީން ހާމަކޮށްފައެއް ނުވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޖުޑީޝަލް ކޮންފަރެންސްގައި މިއަދު ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ހާޝޮގީ މަރާލުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ޕްރިންސް މުހައްމަދުގެ ގާތް ފަރާތްތަކެއް ކަމަށާއި މިކަން އެނގިގެން ދިޔައީ އޯޑިއޯ ރެކޯޑިންތަކުން ކަމަށެވެ.

"ހާޝޮގީ މަރާލި މީހުން އަހަންނަށް ވަރަށް ސާފު" އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން މިހެން ވިދާޅުވިއިރު ހާޝޮގީގެ މަރުގެ ފަހަތުގައި ހުންނެވީ ޕްރިންސް މުހައްމަދު ކަމަށް ބުނާ ގަރާރެއް އެމެރިކާގެ ސެނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

"ސެނެޓުގައި އިއްޔެ ހިނގި ހުރިހާ ކަމެއް ވެސް ވަރަށް ކައިރިން އަހަރުމެން ބެލިން. އެހާ ހިސާބަކުން އަދި މިކަމެއް ނުނިމޭނެ. އިތުރު ކަންތައްތަކެއް މިކަމުގައި ދާނީ ހާމަވަމުން. އެމެރިކާގެ އިންޓެލިޖެންސަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އަހަރުމެން ވާނީ ފޯރުކޮށްދީފައި. އަމާޒަކީ އިންސާފާއި ހަމައަށް ވާސިލުވުން" އުރުދުޣާން ވިދާޅުވިއެވެ.

ހާޝޮގީގެ މަރުގެ މައްސަލައިގައި ސައުދީ ސަރުކާރުން ބައެއް ފަރާތްތައް ހައްޔަރުކުރި ނަމަވެސް ޕްރިންސް މުހައްމަދު މިކަމުގައި ޝާމިލުވާ ކަމަށް ބުނާ ވާހަކަތައް އެގައުމުން އަންނަނީ ދޮގުކުރަމުންނެވެ.