Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ޔާމީން ފުލުހަށް ހާޒިރުކުރާ ވަގުތު އެމްޑީޕީން މަގުމައްޗަށް ނިކުންނަނީ

އެމްޑީޕީ އިން ކުރި މުޒާހަރާއެއްގެ ތެރެއިން.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރާ ވަގުތާއި ދިމާކޮށް އެމްޑީޕީން މާދަމާ މަގުމައްޗަށް ނިކުންނަން ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޔާމިން ކޮށްފައިވާ ވައްކަންތައް އެމަނިކުފާނަށް ހަނދާން ކޮށްދިނުމަށް ދިވެހި ރައްޔިތުން މާދަމާ މެންދުރު 13:00 އަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް ނިކުމެ ވަޑައިގެންނެވުން އެދޭ ކަމަށެވެ.

ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 14:00 އަށެވެ. ޔާމީން ފުލުހަށް ހާޒިރުވާން ނިންމާފައިވަނީ ކާރުކޮޅުގެ ބަދަލުގައި ހިންގަވާފައެވެ.

ޔާމީންގެ ވަކީލު އައިޝަތު އާޒިމާ ޝުކޫރު އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފައިސާ ވަދެފައިވާތީ އެ މައްސަލަ ބެލުމަށް ކަމަށެވެ. އަދި އެ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ޑިކްލެޔާ ކުރެއްވި އެކައުންޓެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ޔާމީން ފުލުހަށް ހާޒިރުކުރާ ވަގުތު އެމްޑީޕީން މަގުމައްޗަށް ނިކުންނަން ތައްޔާރުވަމުންދާއިރު، ޕީޕީއެމްގެ ސަޕޯޓަރުން ވެސް ޔާމީން ފުލުހަށް ހާޒިރުކުރާ ވަގުތު އެ ސަރަހައްދަށް އެއްވުމަށް ވަނީ ހަމަޖެހިފައެވެ.