Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އަދީބު އަށް "ސްޓްރެސް ފްރީ" މާހައުލެއް ގާއިމުކޮށްދީ: ޔާމީން

އަދީބު ކޯޓުން ނުކުމެވަޑައިގަންނަވަނީ: - އަހުމަދު ޝުރާއު | އަވަސް

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހުމަދު އަދީބު އަށް "ސްޓްރެސް ފްރީ" މާހައުލެއް ގާއިމުކޮށްދިނުމަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އަދީބު އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓް ކޮށްފައިވާއިރު، އެމްޓީޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް ޔާމީން ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަކުރުމަށް ގެއަށް ބަދަލުކޮށް، ޑޮކްޓަރުގެ އިރުޝާދާއި އެއްކޮށް "ސްޓްރެސް ފްރީ" މާހައުލެއް ގާއިމުކޮށްދިނުމަށް އެދޭ ކަމަށެވެ.

"ކިހިނެއްތޯ ސްޓްރެސް ފްރީ ވާނީ؟ ޖަލަށް ބަދަލުކޮށް 24 ގަޑިއިރުނުވެ ޖަލަށް ވަދެ ޖަލު ރެއިޑްކޮށް، ކޯޗެއްތޯ ހޯދަން މި އުޅެނީ؟ ބަލި މީހެއްގެ ވާހަކަ މި ދައްކަނީ. ޑޮކްޓަރު އިރުޝާދު ދެއްވާނީ ސްޓްރެސް ނުކުރާށޭ" ޔާމީން ވިދާޅުވިއެވެ.

މިހާރު ދިމާވެފައިވަނީ ވަރަށް ދެރަ ހާލަތެއް ކަމަށާއި ބޭސްފަރުވާގެ ހާލަތު ކުރީގައި އޮތް ހާލަތަށް ރުޖޫއަކޮށްދިނުމަށް ވެސް ޔާމީން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ޔާމީން ވަނީ އަދީބު އަށް މިވަގުތު ދިމާވެފައިވާ ބައެއް ސިއްހީ ކަންކަން ވެސް މީޑިޔާތަކާ ހިއްސާކޮށްފައެވެ.

"ވަރަށް ހުންގަދަކޮށް، އަދި ހަމަ އެއާއެކު ބީޕީ ހައިވެފަ. ހޮޑުލެވޭ، ކުޑަކަމުދާ ތަކެތިން ލޭގެ އަަސަރު ފެނިފައިވަނީ" އަދީބު އަށް ދިމާވެފައިވާ ސިއްހީ ކަންކަމުގެ މައުލޫމާތު ހިއްސާކުރަމުން ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އަދީބުގެ ސީރިއަސް ސިއްހީ އިތުރު މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އޭގެތެރޭގައި ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާގެ މައްސަލަ ޔާމީން ފާހަގަކުރެއްވިއެވެ. އަދި އަދީބުގެ އާއިލާގެ ފަރާތުން އޭނާ ކެންސަރު ޓެސްޓަށް ސްކްރީން ކުރަން ބޭނުންވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.