Last Updated: April 18, 20:01
Thursday, April 18, 2024
ޚަބަރު

ސުވާލުކުރީ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރާ ގުޅޭގޮތުން: ޔާމީން

ރައީސް ޔާމީން ސަލާމަތީ ބާރުތަކުގެ ތެރެގައި، ފޮޓޯ: އޭޕީ

ފުލުސް އޮފީހަށް ހާޒިރުކޮށް މިއަދު ސުވާލުކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރާއި ގުޅޭގޮތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް މިއަދު ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިއަދު ސުވާލުކޮށްފައިވަނީ އޭސީސީގެ ބެލުމުގެ ދަށުން އުފެއްދި އެކައުންޓަށް އެއް މިލިއަން ޑޮލަރު އެމަނިކުފާނު ޖަމާކުރީ އޭސީސީއާ އެކު އެއްބަސްވި ގޮތަށް ނޫން ކަމަށް ކަމަށް ބުނެ އޭސީސީގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ޔާމީން ވިދާޅުވީ އޭސީސީން ބުނި އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމަނިކުފާނާއި އޭސީސީއާ ދެމެދު މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ސޮއި ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ކަމަށެވެ.

"އޭސީސީ އާއި އަޅުގަނޑާއި ދޭތެރޭ އޮތް އެއްބަސްވުމަކީ ރަނގަޅު ނިޔަތުގައި އަޅުގަނޑު އިސްވެ، އަޅުގަނޑު ވެސް ވަކިން ފައިސާ ބަހައްޓަން ބޭނުމޭ ބުނެގެން ކޮށްފައިވާ އެއްބަސްވުމެއް. ހަގީގަތުގައި އެ ފައިސާ ބަހައްޓާކަށް އަޅުގަނޑު ނުވެސްޖެހޭ. އެއީ އޭސީސީން ސާބިތުކުރައްވާފަ ދެން އެއީ ހަގީގަތުގައި ގާނޫނާއި ހިލާފު ފައިސާ ކަމަށްވަންޏާ އެ ފައިސާ އަޅުގަނޑު އަތުން ގެންދަންޖެހޭނީ. ވަކިން ބަހައްޓާކަށް ނުވެސްޖެހޭ" ޔާމީން ވިދާޅުވިއެވެ.

އެ ފައިސާ އޭރު އޭސީސީއާ ހަވާލުކުރީ އެމަނިކުފާނަކީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއަށް ވެސް ވެފައި އޭސީސީން ވެސް އެކަމަށް އެދިވަޑައިގަންނަވާތީ، ތަހުގީގު ނިމެންދެން ނުވަތަ ޝަރުއީ ކޯޓަކުން އެކަމާ މެދު ގޮތެއް ނިންމަވަންދެން އޭސީސީ އަށް ބާރުފޯރާ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެގެން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މި ބެހެއްޓި ފައިސާ އަކީ ބީއެމްއެލްގައި ހުރި އަޅުގަނޑުގެ އެކައުންޓަކުން ދިން ފައިސާތޯ، ނޫނިއްޔާ މިއީ އެސްއޯއެފްގެ އެކައުންޓަކުން އަޅުގަނޑުގެ އެހެން ބޭންކަކަށް ދިން ޗެކެއްތޯ، އެކަހަލަ މައްސަލައެއްގެ ތުހުމަތު މި އުޅެނީ. ވަރަށް ހިތްހަމަ ޖެހުނީސް ކުރީބައިގަ އޭސީސީން އަޅުގަނޑު ކައިރިން އައްސަވާލެއްވިނަމަ މި ކިހިނެއްތޯ ވެފައި މިއޮތީ" ޔާމީން ވިދާޅުވިއެވެ.

އޭސީސީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމެއް ކުރައްވާފައިވާނަމަ އެމަނިކުފާނާއި އެ ވާހަކަ ދެއްކުމުގެ ފުރުސަތު އޭސީސީ އަށް އޮތް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ޖިނާއީ ތަހުގީގެއް މިކަމުގައި ކުރާ ހިސާބަށް ދިޔުމަކީ ހިތުގައި އެހެން އިހުސާސްތަކެއް ހިމެނޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވަނީ އެމަނިކުފާނާއި ދެކޮޅަށް ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އުޅޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި އެކައުންޓުގައި ހުރީ ކޮން ފައިސާއެއްތޯ ފުލުހުން ސާފުކޮށް އަދި ތުހުމަތުތަކެއް ކުރުމުން ތުހުމަތުން ބަރީއަވުމުގެ ގޮތުން ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ހުރި މީހެއް. އަޅުގަނޑަކީ ކެމްޕެއިންގައި ފައިސާ ހޯދަމުންދާ މީހެއް، މިހާތަނަށް ވެސް ހޯދާފައި ހުންނާނީ. އަޅުގަނޑުގެ އެކައުންޓުގައި ވަކި ވަރަކަށް ފައިސާ ހުރުން އެއީ އޭގެ ޒާތުގައި ކުށެއް ނޫން. ދެން އެ ފައިސާއަކީ ޖާއިޒު ނޫން ފައިސާތޯ، ތުހުމަތުކުރާ ބަޔަކު ތުހުމަތު ކުރީމަ، އެ ތުހުމަތުން ބަރީއަވުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ވަރަށް ސާފު" ޔާމީން ވިދާޅުވިއެވެ.