Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހައްޔަރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: ޔާމީން

ގއ. ވިލިނގިލި (8 އޮގަސްޓު 2018) - ރައީސް އަބްދުﷲ ޔާމީން ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ކުރިއަށްގެންދާ މަގު ހެދުމާއު، ހައުސިން ޔުނިޓު ނިންމުން އިފްތިތށހު ކުރުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް މިއަދު ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހައްޔަރުކުރަންޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ހައްޔަރުކުރަން އުޅުއްވާ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ގަބޫލެއް ނުކުރެވޭ އަޅުގަނޑު ހައްޔަރުކުރަންޖެހޭ ވަރުގެ އެއްވެސް ކަމެއް އޮތް ކަމަކަށް" ޔާމީން ވިދާޅުވިއެވެ.

މިއަދު ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ކުންފުނި އެސްއޯއެފުން އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައާއި ގުޅިގެން ކަމަށްވާއިރު ޔާމީން ވިދާޅުވީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެކައުންޓަށް ޖަމާކޮށްފައި ހުރީ އެސްއޯއެފުން ޖަމާކުރި ފައިސާކަން ކުރި އެނގިވަޑައިނުގަންނަވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ލާރިއެއް ދޭން ޖެހޭ ސަބަބެއް ނޯންނާނެ. އެއީ އެސްއޯއެފުން ދިން ލާރިއެއްކަމެއް އެނގޭނެ ގޮތެއްވެސް ނެތް. އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ މީގެ ކުރީގައި އަޙުމަދު އަދީބު ހައްޔަރު ކުރަންދެން އަޅުގަނޑަށް ކެމްޕޭން ކުރަން ލިބޭ ފައިސާ އެއީ ހަމަ ރާއްޖެއިން އެކި އެކި ފަރާތްތަކުން ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބު. އަދީބު އަތްޕުޅުގައި ހުރީ އަޅުގަނޑުގެ ކެމްޕޭނަށް ލިބިފައި ހުރި ފައިސާ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެސްއޯއެފް އަކީ ކޮން ކުންފުންޏެއްކަން ވެސް އެމަނިކުފާނަށް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ހުރީ އެސްއޯއެފްގެ ފައިސާކަން އެނގުނީ އޭސީސީ މެދުވެރިކޮށް ކަމަށެވެ.

"އެސްއޯއެފްގެ ޗެކަކީ އަޅުގަނޑު އަތަށް ލިބިގެން، އަޅުގަނޑު ޖަމާކުރި ޗެކެއް ނޫން. އެއީ އެސްއޯއެފް އަށް ކޮންސަލްޓެންސީ ދީގެން ނުވަތަ އެހެން ކަމެއްކޮށްގެން އެސްއޯއެފުން އަޅުގަނޑަށް ލިބެންޖެހޭ ފައިސާއެއް ނޫން. އެއީ އަދީބުގެ އަތްޕުޅުގައި ހުރި އަޅުގަނޑުގެ ފައިސާ އިން އަޅުގަނޑަށް ލިބެންޖެހޭ ފައިސާ" ޔާމީން ވިދާޅުވިއެވެ.

ހެޔޮ ނިޔަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން 8 މަސް ދުވަސް ވެގެންދިޔައިރު ވެސް މިކަމާ ގުޅިގެން އޭސީސީން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.