Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އެކައުންޓުގައި ހުރީ މީހެއްގެ ފައިސާއެއް ނޫން، އަމިއްލަ ފައިސާ: ޔާމީން

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

އެކައުންޓުގައި ހުރީ މީހެއްގެ ފައިސާއެއް ނޫން ކަމަށާއި، ހުންނާނީ އަމިއްލަ ފައިސާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް މިއަދު ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު މިހާރު ހުންނާނީ އޭސީސީގެ ބެލުމުގެ ދަށުން ބީއެމްއެލްގައި އުފައްދާފައިވާ އެކައުންޓެއްގައި ކަމަށެވެ.

އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކުގެ އެހެން އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ބީއެމްއެލްގައި އޭސީސީއާއެކު ހެދި އެކައުންޓަށް ޖަމާނުކުރީ އެފައިސާއާއި މެދު ތުހުމަތުތެއް ކުރަމުން ގެންދާތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އިސްލާމިކް ބޭންކް އެކައުންޓުގައިވާ އަދަދު ޖަމާނުކުރެވޭ ސަބަބަކީ، އެސްކްރޯ އެގްރީމެންޓެއް (އޭސީސީ އާއި ޔާމީންއާ ދެމެދު ވެފައިވާ އެއްބަސްވުން) ސޮއިކުރުމުގެ އެއް އަހަރު ކުރިން އަޅުގަނޑު އެ ފައިސާ ވާނީ ހަމަ އިސްލާމިކް ބޭންކުގެ އެހެން އެކައުންޓެއްގައި ބަހައްޓާފައި. ދެން އެ ފައިސާގަ ތުހުމަތު އުޅޭ ހިސާބުން އަޅުގަނޑަކަށް ފަސޭހައެއް ނުވޭ އެއްބަސްވުމުގައި އެހެން ބަޔާންކޮށްފައި އޮތަސް އެ އެކައުންޓުން ފައިސާ ނަގާ އެހެން އެކައުންޓަކަށް ފައިސާ ލާކަށް. އަޅުގަނޑު އޭގަ ބެހެއްޓީ ހަމަ މުޅިން އެއްވެސް މައްސަލައެއް ނުޖެހޭ ކަހަލަ ފައިސާ. އެއީ އަޅުގަނޑުގެ ބީއެމްއެލް އެކައުންޓުން ބެހެއްޓި ފައިސާ. އޭގެ ނޫޅޭނެ އެއްވެސް މައްސަލައެއް" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ފައިސާތަކަކީ އެސްއޯއެފް އަދި އެހެން ބައެއްގެ ފައިސާއެއް ނޫން ކަމަށާއި އޭސީސީގެ ބެލުމުގެ ދަށުން އުފެއްދި އެކައުންޓުގައި ވެސް ހުންނާނީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށެވެ.

އެސްއޯއެފުގައި ހުރި ހުރިހާ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަމެއް އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށާއި، އެސްއޯއެފުގައި ހުރި ފައިސާއަކީ ކޮރަޕްޝަންގެ ފައިސާކަމަށް ދައުލަތުގެ އިދާރާތަކަށް ގަބޫލު ކުރެވޭނަމަ އެ ފައިސާ އެއްވެސް ފަރާތަކުން ގަބޫލު ނުކުރަން އާންމުކޮށް އަންގާ އިއުލާން ކުރަންވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެއް މިލިއަން ޑޮލަރަކީ އެއް މިލިއަން ޑޮލަރު. އެ ފައިސާ އެހުރީ ބަހައްޓާފައި. ދެން އެ ފައިސާއާ ގުޅޭގޮތުން ތަހުގީގަކަށް އަޅުގަނޑު ގެންދަންޖެހޭ ކަމެއް ދިމާވީމަ، އަޅުގަނޑު ހިތަށް އަރަނީ ދައުލަތުގެ މުއައްސަސާތަކުން ކުރަން ކަންކަން މިއަށްވުރެ ހެޔޮ ނިޔަތުގައޭ ކުރަންވާނީ" ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވަނީ މަނީ ލޯންޑްރިންއާއި ގުޅޭ ގޮތުން ފުލުހުން ސުވާލުކޮށްފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.