Last Updated: April 25, 18:10
Thursday, April 25, 2024
ކުޅިވަރު

ޓޮޓެންހަމް ފައިނަލާ ގާތަށް ޖެހިލައިފި

ހެރީ ކޭން ގޯލަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ޗެލްސީ އަތުން 1-0 އިން މޮޅުވެ ޓޮޓެންހަމް އިން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މި ނަތީޖާއާ އެކު ޗެލްސީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ޓޮޓެންހަމް އަށް ފައިނަލުން ފުރުސަތު ލިބޭނެއެވެ. ޓޮޓެންހަމްގެ ހޯމް މެޗުތަށް މި ސީޒަނުގައި ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޗެލްސީން ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ކަންޓޭ އާއި ހަޑްސަން ފޮނުވާލި ހަމަލާތައް އަމާޒުވީ ޓޮޓެންހަމްގެ ގޯލުގެ ދަނޑި އަށެވެ.

މީގެއިތުރުން ދެވަނަ ހާފްގައި ވެސް ނަތީޖާ އެއްވަރުކުރަން ޗެލްސީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު، މި ހާފުގައި ގޯލްޖަހަން ޗެލްސީ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ކްރިސްޓެންސެން އަށެވެ. ނަމަވެސް ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ލީގު ކަޕުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި ބާޓަންއެވެ. މި މެޗު އޮންނާނީ ސިޓީގެ ދަނޑުގައެވެ.